ކެއުންބުއިމަށް ބޭނުންވާ މުހިންމު ހޮޅިކޮޅެއް ލިބުން ލަސްވެގެން ނިޔާވި ހަ އަހަރުގެ ކުއްޖާގެ ފޮޓޯއާއި ޒާތީ މައުލޫމާތު ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ މައްސަލަ ޗިލްޑްރެންސް އޮމްބަޑްސްޕާސަން އޮފީހުން ތަހުގީގުކުރަން ފަށައިފިއެވެ.

އެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، ކުއްޖާގެ މައިންބަފައިންގެ ހުއްދައަކާ ނުލައި އެ ކުއްޖާގެ މައުލޫމާތާއި ފޮޓޯ ބޭނުންކޮށް، ސިޔާސީ މަންފާއަށް އެކި ވާހަކަތައް ފަތުރަމުންދާކަން ފާހަގަވެފައިވާ ކަމަށެވެ. އަދި މިކަމަކީ ކުޑަކުދިން ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މިހާރު ބަލަމުންދާ މައްސަލައެއް ކަމަށްވެސް އެ އޮފީހުން ބުންޏެވެ.

ގާނޫނުން ކުޑަކުދިންނަށް ހިމާޔަތާއި ރައްކާތެރިކަން ލިބިދީފައިވާއިރު، މިގޮތަށް އަމަލުކުރުމަކީ ކުއްޖާގެ ކަރާމާތަށް ވަރަށް ބޮޑަށް އުނިކަން އަންނާނެ ކަމެއް ކަމަށް އޮމްބަޑްސްޕާސަން އޮފީހުން ވަނީ ފާހަގަކޮށްފައެވެ. އޭގެ އިތުރުން މިއީ ގާނޫނުގެ މަގުސަދާއި ރޫހާވެސް ހިލާފު، އަދި ކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށް އޮންނަ ފުރުސަތުތަކަށް ހުރަސްއެޅޭ ކަމެއް ކަމަށް އެ އޮފީހުން ބުންޏެވެ.

ކުއްޖާގެ އާއިލާއަށް ދިމާވެފައިވާ މި ފުން ހިތާމައިގެ ވަގުތުގައި، އެ ކުއްޖާގެ ކަރާމާތަށް އުނިކަން އަންނާނެ ފަދަ އެއްވެސް ފޮޓޯއެއް ނުވަތަ ޒާތީ މައުލޫމާތެއް ސޯޝަލް މީޑިއާގައި ބޭނުންނުކުރުމަށް އެ އޮފީހުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.