ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ފޭސް 3 އިން ގޯތި ލިބުނު މީހުންނަށް ބިން ހަވާލުކުރުމުގެ އަމަލީ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ފަށައިފިއެވެ. މި މަސައްކަތް ފަށާފައިވަނީ މިއަދު ހަވީރު 4:00 ގައެވެ.
މި ގޯތިތައް ހަވާލުކުރުމުގެ ކުރިން، ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީއާއި އެޗްޑީސީ ގުޅިގެން ވަނީ އެ ސަރަހައްދު ސާވޭކޮށްފައެވެ. އަދި ގޯތި ދޫކުރާ ސަރަހައްދުގެ އިންފާރު ވަކިކޮށް، ގޯތި ދިނުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް އެ ކުންފުނިން ވަނީ ފުރިހަމަކޮށްފައެވެ.
މާލެ ސަރަހައްދުން ބޯހިޔާވަހިކަން ދިނުމަށް 9،000 އަށްވުރެ ގިނަ ގޯތި ދޫކުރަން ކުރީ ސަރުކާރުން ނިންމިއިރު، އޭގެ ތެރެއިން 698 ގޯތި ދޭން ކަނޑައަޅާފައިވަނީ ހުޅުމާލެ ފޭސް 3 އިންނެވެ. އެހެންނަމަވެސް، އޭރު އެ ގޯތިތައް ހަވާލުކުރަން ނިންމިއިރު ގޯތި ދެވޭ ވަރަށް އެ ސަރަހައްދުގެ ބިން އޮތީ ނުހިއްކައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، މި މަސައްކަތް ވަނީ ވަރަށް ބޮޑަށް އަވަސްކޮށްފައެވެ. އެގޮތުން ބޮޑެތި ޑްރެޖަރުތައް ބޭނުންކޮށްގެން، މިދިޔަ ޖެނުއަރީ މަހުގެ ނިޔަލަށް ވަނީ ފޭސް 3 ގެ 63 ހެކްޓަރުގެ ބިން އެއްކޮށް ހިއްކައި ނިންމާފައެވެ.
މި ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުމެވެ. މި ސިޔާސަތުގެ ދަށުން ހުޅުމާލޭގެ އިތުރުން ގިރާވަރު، ގުޅީފަޅު އަދި އުތުރުތިލަފަޅު ހިއްކުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ބާރު ސްޕީޑުގައި ކުރަމުންނެވެ.
