އެމެރިކާގެ ކުޑަކުޑަ އަވަށެއް ކަމަށްވާ ޑެލުވާރ ގެ ހޮސްލިޓަލަކުން އޮޕަރޭޝަން ކުރި ގިނަ ބަޔަކަށް ޓީބީ ޖެހިއްޖެއެވެ. އެގައުމުގެ ރިޕޯޓުތައް ބުނާ ގޮތުން 23 މީހަކު ވަނީ އެ ބަލި ޖެހި، އަދި އެ މައްސަލަ ކޯޓަށްވެސް ހުށަހަޅާފައެވެ.
ޓީބީ އަކީ މައިކޯބެކްޓީރިއަމް ޓިއުބާރކުލޯސިސް ނަމަކަށް ކިޔާ ބެކްޓީރިއާއަކުން ޖެހޭ ބައްޔެކެވެ. މި ބަލީގައި ގެއްލުން ވަނީ ފުއްޕާމެއަށެވެ. ކުޅުގެ ޒަރިއްޔާއިން ޖެހޭ މި ބައްޔަކީ އެނޫން ގޮތަކަށްވެސް އެ ބެކްޓީރިއާ ހަށިގަނޑުގެ ތެރެއަށް ގޮއްސިނަމަ އެ ބަލި ޖެހޭނޭ ފަދަ ބައްޔެކެވެ.
އެ ގޮތުން އެ ހޮސްޕިޓަލުގައި ކަށީގެ އޮޕަރޭޝަންތަކެއް ކުރި ބަޔަކަށް މި ބަލި މި ވަނީ ޖެހިފައެވެ. އުމުރުން 23 އަހަރުގެ ޓްރިނިކިއާ އަކީ މައިބަދައިގެ އޮޕަރޭޝަނެއް ކުރި ޒުވާން އަންހެން ކުއްޖެކެވެ. އޭނާ އެ ހޮސްޕިޓަލުގައި އޮޕރޭޝަން ކޮށް، ފަރުވާކުރުމަށް ފަހު ވަނީ ގެއަށް ދޫކޮއްލާފައެވެ. އޭނާވެސް ވަނީ އޭނާއަށް ޓީބީ ޖެހުނު މައްސަލަ ކޯޓަށް ހުށަހަޅާފައެވެ. އޭނާގެ ގާނޫނީ ވަކީލާއި ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުން އޭނާ ފަރުވާއަށްފަހު ގެއަށް ދިޔަފަހުން ހޮސްޕިޓަލުން އޭނާއަށް ގުޅިކަމަށެވެ. އަދި އޭނާގެ ހަށިގަނޑުގައި ޓީބީ ވައިރަސް ހުންނާނެ ކަމަށާއި ލަސްނުކޮށް ޓެސްޓު ހެދުމަށް ހޮސްޕިޓަލަށް އައުމަށް ވަނީ އެދިފައެވެ.
އެ ހޮސްޕިޓަލުން ހާމަކުރި ގޮތުގައި ކަށީގެ އޮޕަރޭޝަން ތަކުގައި ބޭނުން ކުރަމުން އައި ބައެއް "ރިޕެއަރިން ޓިޝޫ" ތަކަކީ އިންސާނުންގެ ބައެއް ސެލްތަކާއި ޓިޝޫތަކުން އުފައްދާފައިވާ އެއްޗެއްސެވެ. މިފަދަ ހާދިސާތަކެއް ދިމާވާން ފެށުމުން އެ އެއްޗެހި ޓެސްޓު ކުރުމުން އެ އެއްޗެހިން ޓީބީ ވަނީ ފެނިފައެވެ.
ޓްރިނިކިއާގެ ގާނޫނީ ވަކީލާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން، މިގޮތައް ހަށިގަނޑުގެ ތެރެއަށް ވަދެފައި ހުންނަ ބެކްޓީރިއާގެ އަސަރު ބައެއް ފަހަރު ނުކޮށްވެސް ހުރެދާނެއެވެ. ޓްރިނިކިއާގެ ފަރާތުން އަދި އެފަދަ ކަމެއް ނުފެނުނަސް އެ ހޮސްޕިޓަލުން ކަށީގެ އެހެން އޮޕަރޭޝަންތަކެއް ކުރި ބައެއް މީހުން ޓީބީގައި ބޮޑުވަރުވެފައި ތިބިކަމަށް އޭނާގެ ވަކީލު ވަނީ ބުނެފައެވެ.
އެ އަވަށުގެ ޕަބްލިކް ހެލްތު ޔުނިޓުން ބުނީ މި ހާދިސާ އިތުރައް ތަހުގީގު ކުރަމުންދާ ކަމަށާއި، ކުރިއަށްތަނުގައި އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް އެޅެން ހުރި ފިޔަވަޅުތައް އަޅާނޭ ކަމަށްވެސް އެ ޔުނިޓުން ބުނެއެވެ. މި މައްސަލަ މިހާރު އަންނަނީ ކޯޓުގައިވެސް ހިނގަމުންނެވެ.
