ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅަކާ އެއްގޮތަށް، މާލޭގައި ފެށުމަށް ހަމަޖެހިފައިވާ އާ ޓެކްސީ ހިދުމަތަށް ބޭނުންވާ 107 ޑްރައިވަރުން ހޯދުމަށް އެމްޓީސީސީން އިއުލާނުކޮށްފިއެވެ.

މި މަގާމުތަކަށް ޑްރައިވަރުން ނަގާނީ މަސައްކަތުގެ ފެންވަރަށް ބަލައި މުއްދަތު އިތުރުކުރެވޭ ގޮތަށް، އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ. ވަޒީފާއަށް ނަގާ މީހުން ހަފުތާއަކު ހަ ދުވަހު، ދުވާލަކު އަށް ގަޑިއިރު މަސައްކަތްކުރަން ޖެހޭއިރު، އެ މީހުންގެ އަތުގައި ބީ-1 ނުވަތަ ބީ-2 ކެޓަގަރީގެ ލައިސަންސް އޮންނަން ޖެހޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ. އަދި ޓްރާންސް ޕޯޓު މިނިސްޓްރީގެ ޓެކްސީ ޑްރައިވަރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ވަޒީފާ ދިނުމުގައި ހާއްސަ އިސްކަމެއް ދޭނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

މި ވަޒީފާއަށް ޝައުގުވެރިވާ މީހުންނަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ ހޮނިހިރު ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. ފޯމު ހުށަހަޅަން ޖެހެނީ އެމްޓީސީސީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. މީހުން ޝޯޓްލިސްޓު ކުރުމަށްފަހު، އިންޓަވިއު ކުރުން އާދީއްތަ ދުވަހުން ފެށިގެން އޭޕްރީލް 23 ގެ ނިޔަލަށް ކުރިއަށްދާނެއެވެ.

އަންނަ މަހުގެ ދެވަނަ ދުވަހު މި ހިދުމަތް ރަސްމީކޮށް ފެށުމަށް ތައްޔާރުވަމުން އަންނައިރު، މިކަމަށް ބޭނުންކުރަން ހަމަޖެހިފައިވަނީ ތިމާވެއްޓާ ރައްޓެހި 100 ޕަސަންޓު އިލެކްޓްރިކް 60 ކާރެވެ. މި ހުރިހާ އުޅަނދެއް މިހާރު ވަނީ މާލެ ގެނެސްފައެވެ.

ދުވާލުގެ 24 ގަޑިއިރު މެދުކެނޑުމެއްނެތި މި ހިދުމަތް ފޯރުކޮށްދޭނީ ހާއްސަ މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށެވެ. މީގެ އިތުރުން، ކަސްޓަމަރުންނަށް ދިމާވާ ދަތިތައް ހައްލުކޮށްދީ އެހީތެރިވުމަށް 1655 ގެ ނަމުގައި ހާއްސަ ހޮޓްލައިނެއްވެސް ވަނީ ގާއިމުކޮށްފައެވެ. ސަރުކާރުން ދެކޭ ގޮތުގައި މިއީ މާލޭގެ ޓެކްސީގެ މައްސަލަތަކާ ގުޅިގެން އާންމުން ކުރަމުންދާ ޝަކުވާތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ.