މެދުއިރުމަތީގެ މަސްރަހު ހޫނުވެ، ރާއްޖޭގައި ސުންނީ އަދި ޝީއީ މަޒުހަބާ ގުޅޭގޮތުން ބަހުސްތަކެއް ފެށިފައިވާއިރު، މުސްލިމުން ބައިބައިކުރުމަށް އިސްލާމްދީނުގެ ދުޝްމަނުން ކުރަމުންދާ މަސައްކަތްތަކަށް ސަމާލުވުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގޮވާލައްވައިފިއެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ، ރާއްޖޭގެ މުޖުތަމައު މަޒުހަބީ ތަފާތުވުންތަކާއި ފިތުނައިގެ ތެރެއަށް ވެއްޓިގެން ދިއުމަށް އެއްވެސް ފުރުސަތެއް ދީގެން ނުވާނެ ކަމަށެވެ. އަދި ދިވެހިންނަކީ ޒަމާނުއްސުރެ ސުންނަތް ޖަމާއަތުގެ މަތިވެރި އަގީދާގައި ސާބިތުވެ ތިބި، ކީރިތި ގުރުއާނާއި ސުންނަތުގެ އަލީގައި މެދުމިނުގެ އުސޫލުތައް ގަބޫލުކުރާ ބައެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދީނީ އެއްބައިވަންތަކަން ގެއްލޭފަދަ ކަންކަމުން ދުރުވުމަށް ރައްޔިތުންނާއި އިލްމުވެރިންގެ ކިބައިން މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ. އޭގެ އިތުރުން، އެކިއެކި ފިރުގާތަކުގެ އަގީދާތަކާ ގުޅޭގޮތުން ހަގީގަތް އޮޅޭފަދަ ގޮތްގޮތަށް ވާހަކަ ނުދެއްކުމަށާއި، އެފަދަ އިލްމީ މައުލޫއުތަކުގައި ބަސްބުނަންވާނީ ހަމައެކަނި އެކަމުގެ ފުރިހަމަ އިލްމު ލިބިފައިވާ އިލްމުވެރިން ކަމަށް ވެސް މިނިސްޓަރު ނަސޭހަތްތެރިވެވަޑައިގަތެވެ.

ދިވެހިންގެ ތެރޭގައި މި ބަހުސް އުފެދިފައިވަނީ އީރާނާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެންނެވެ. އީރާނުގެ ދީނީ ލީޑަރުންނަކީ ސަހާބީންނަށް ބަދުބަސްބުނާ ބާތިލު އަގީދާއެއްގެ ބައެއްކަމަށް ބުނެ ދީނީ އިލްމުވެރިޔާ އަހުމަދު ސަމީރު ކުރެއްވި ޕޯސްޓަކާ ގުޅިގެން ހިޔާލުތަފާތުވުންތައް ބޮޑުވެފައިވާއިރު، ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް ވިދާޅުވެފައިވަނީ، ސުންނީންނާއި ޝީއީންނަކީ ވެސް މުސްލިމުން ކަމަށާއި، މަޒުހަބީ ގޮތުން މުސްލިމުން ބައިބައިކުރަން އުޅެނީ ދީނުގެ ދުޝްމަނުން ކަމަށެވެ.