އިސްލާމްދީނަކީ އިންސާނާގެ ދިރިއުޅުމުގެ ހުރިހާ މައިދާނެއް ބައްޓަންކޮށްދޭ ފުރިހަމަ ދީނެކެވެ. މި މަތިވެރި ދީނުގައި އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދީފައިވާ އެއް ކަމަކީ ރިވެތި އަހުލާގާއި ސުލޫކެވެ. އިންސާނާގެ އީމާންތެރިކަން ފުރިހަމަވަނީ އޭނާގެ ކިބައިގައި ހުންނަ ރިވެތި ސިފަތަކުންނެވެ. އެހެންކަމުން، މުޖުތަމައެއްގައި އުޅޭ އެންމެ ހެޔޮލަފާ، ހިތްހެޔޮ އަދި އަގުހުރި މީހަކީ އެމީހެއްގެ އަހުލާގު އެންމެ ރަނގަޅު މީހާއެވެ.

ކީރިތި ޤުރުއާނުގައި މާތް ﷲ ވަނީ އަހުލާގުގެ މަތިވެރިކަމާ ގުޅޭގޮތުން ގިނަގުނަ އިރުޝާދުތަކެއް ދެއްވާފައެވެ. އަދި އަދި މާތް ނަބިއްޔާ صلى الله عليه وسلم ގެ ސިފަފުޅުތަކަށް ތައުރީފު ކުރައްވައި ސޫރަތުލް ގަލަމްގެ 4 ވަނަ އާޔަތުގައި ވަނީ މިފަދައިން ވަހީކުރައްވާފައެވެ.

وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍ. މާނައީ: "އަދި ހަމަކަށަވަރުން، ކަލޭގެފާނުވަނީ މަތިވެރިވެގެންވާ އަހުލާގެއްގެ މަތީގައެވެ."

މި އާޔަތުން އެނގިގެންދަނީ އިންސާނަކަށް ލިބޭނެ އެންމެ މަތިވެރި ޝަރަފަކީ ރިވެތި އަހުލާގުގެ ވެރިއަކަށް ވުން ކަމެވެ. ރިވެތި އަހުލާގަކީ ހަމައެކަނި މީހުންނާ މުހާތަބުކުރާ ގޮތެއް ނޫނެވެ. އެއީ ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، ކެތްތެރިކަމާއި، މައާފުކުރުމާއި، އަދި އެހެން މީހުންނަށް އިހުތިރާމްކުރުން ފަދަ އެންމެހާ މާތް ސިފަތަކުގެ ވެރިއަކަަަަށް ވުމެވެ. މީހަކު ކިތަންމެ ގިނަ އަޅުކަންތަކެއް ކުރި ނަމަވެސް، އެމީހެއްގެ ދުލާއި އަތުން އެހެން މީހުންނަށް އުނދަގޫވެ، އަހުލާގު ނުބައިވެއްޖެނަމަ އެ މީހެއްގެ ދީންވެރިކަމުގެ ފުރިހަމަކަމާމެދު ސުވާލު އުފެދެއެވެ.

ދިވެހި މުޖުތަމައަށް ބަލާއިރު، އަޅުގަނޑުމެންގެ ކާބަފައިންނަކީ އަހުލާގީ ގޮތުން ނަމޫނާ ބައެކެވެ. އެކަކު އަނެކަކަށް އިހުތިރާމްކުރުމާއި، ބޮޑެތި މީހުންނަށް ކަމޭހިތުމާއި، ކުޑަކުދިންނަށް އޯގާތެރިވުމަކީ ދިވެހިންގެ ތެރޭގައި އޮތް ވަރަށް ރީތި އާދަކާދައެކެވެ. މިއަދުގެ ދުނިޔޭގައި ތައުލީމާއި ވަސީލަތްތައް އިތުރުވަމުން ދާއިރު، އެއާ އެއްވަރަށް އަހުލާގީ ސިފަތައްވެސް ވަރުގަދަ ކުރަންޖެހެއެވެ. ސަބަބަކީ އިލްމުވެރިކަމުގެ އަގު ހުރީ އެ އިލްމާއެކު އަހުލާގު ހުރި މިންވަރަކުން ކަމަށްވާތީއެވެ.

މީގެ އިތުރުން، ރިވެތި އަހުލާގަކީ ގިޔާމަތް ދުވަހުން މީހާގެ ހެޔޮކަމުގެ ތިލަފަތް ބަރުކޮށްދޭނެ އެންމެ މުހިންމު އެއް ކަންތަކެވެ. މީސްތަކުންގެ މެދުގައި ލޯތްބާއި ކުލުނު އުފެދި، މުޖުތަމައުގެ ހަމަޖެހުން ގާއިމުވަނީ އެންމެންނަކީވެސް ރިވެތި އަހުލާގުގެ ވެރިންނަށް ވެގެންނެވެ. ހަސަދަވެރިކަމާއި، ދޮގުހެދުމާއި، މީހުންގެ އަބުރާ ބެހުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވުމަކީ އިންސާނާގެ ނަފްސު ތާހިރުކޮށްދޭ ކަމެކެވެ.

ދުނިޔެއާއި އާހިރަތުގެ ކާމިޔާބީ އެދޭ ކޮންމެ މީހަކު އެންމެ އިސްކަމެއް ދޭންޖެހޭ އެއްކަމަކަށް ހަދަން ޖެހޭނީ އަމިއްލަ ނަފްސުގެ އަހުލާގު އިސްލާހު ކުރުމަށެވެ. އަހަރެމެންގެ ތެރެއިން އެންމެ ހެޔޮ މީހަކީ އެންމެ އަހުލާގު ރަނގަޅު މީހާ ކަމުގައި ވީހިނދު، އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކޮންމެ ސާޢަތެއްގައިވެސް ރިވެތި ސިފަތަކުން ޒީނަތްތެރިވުމަށް ގަދައަޅާ މަސައްކަތް ކުރަންޖެހެއެވެ. އެއީ މުޖުތަމައުގެ ބަދަހިކަމާއި، އަމިއްލަ ނަފްސުގެ ހިތްހަމަޖެހުން އޮތް ގޮތެވެ.