އިނގިރޭސި ވިލާތުގެ ފަސް މަހުގެ ތުއްތު ކުއްޖަކަށް މަދުން ނޫނީ ނުފެންނަ ބައްޔެއް ޖެހިއްޖެއެވެ. ހަށިގަނޑު "ގަނޑު" ކޮށްލާ މި ބަލީގައި، ކުއްޖާގެ ހަށިގަނޑުގެ މަސްތައް ހަރުކޮށްލައެވެ.
މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އުފަންވި ލެކްސީ ރޮބިންސް ނަމަކަށް ކިޔާ މި ކުއްޖާ އުފަންވި އިރު އެހެން ކުދިންނެކޭ އެއްވެސް ތަފާތެއް ނެތެވެ. ނަމަވެސް ލެކްސީގެ ބޮޑުވައި އިނގިލި ހަރަކާތް ނުކުރާކަން އޭނާގެ ބެލެނިވެރިންނަށް ވަނީ ފާހަގަކުރެވިފައެވެ. އަދި ފައިގެ ބޮޑުވައި އިނގިލި އާދަޔާ ޚިލާފަށް ބޮޑު ކަމަށްވެސް ވަނީ ފާހަގަ ކުރެވިފައެވެ.
ލެކްސީ ޑޮކްޓަރަށް ދެއްކުމުން އެއީ ފައިބްރޮޑައިސްޕްލާސިއާ އޮސިފިކެންސް ޕްރޮގްރެސިވާ ނަމަކަށް ކިޔާ ބައްޔެއްކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ. މި ބައްޔަކީ ކޮންމެ ދެ މިލިއަން ކުދިންގެ ތެރެއިން އެއް ކުއްޖަކަށް ޖެހޭ ބައްޔެއްކަމަށް ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާގެ ތަފާސް ހިސާބުން ދައްކައެވެ.
މި ބައްޔަށް މިހާތަނަށް ސީދާ ފަރުވާއެއް ހޯދިފައެއް ނުވެއެވެ. އެހެނަސް މި ބަލި ޖެހޭ ކުދިންނަށް ގާތްގަނޑަކަށް 40 އަހަރު ދުނިޔޭގައި ހުރެވޭނެ ކަމަށް ޑޮކްޓަރުން ބުނެއެވެ.
މިހާރު ލެކްސީއަކީ ވަރަށް ހަރަކާތްތެރި ކުއްޖެއް ނަމަވެސް ޑޮކްޓަރުން ބުނެފައިވާ ގޮތުގައި ލެކްސީއަށް ހިނގާބިނގާވެ އުޅެން އުނދަގޫވާނެއެވެ.
ސައިންޓިސްޓުން މިހާރު އަންނަނީ މި ބައްޔަށް ފަރުވާއެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން މާގިނަ ދުވަސްތަކެއް ނުވެ މި ބައްޔަށް ފަރުވާ އެއް ހޯދިދާނެކަމުގެ އުންމީދު އެބަ އޮތެވެ.
