ބީއެމްއެލްއިން ކުރިއަށްގެންދާ އެފޯޑަބަލް ހައުސިން މަޝްރޫއާއެކު، ގެދޮރު ގަންނަން އެޑްވާންސަށް ދައްކަންޖެހޭ ފައިސާގެ އަދަދު ކުޑަވެ، އަތްފޯރާފަށުގެ ކުއްޔެއް ދައްކައިގެން އަމިއްލަ ގެދޮރު މިލްކުކުރުމުގެ ފުރުސަތު އާއިލާތަކަށް ލިބިގެންދާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.
މިކަން ހާމަކޮށްފައިވަނީ ބީއެމްއެލްއިން ވިލިމާލޭގައި އިމާރާތްކުރާ 300 ހައުސިން ޔުނިޓުގެ ބިންގާ އެޅުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަދައްކަމުން އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފެވެ. އޭނާ ބުނި ގޮތުގައި، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ފާސްކުރި މަޝްރޫއަކީ ރާއްޖެއަށް ދިމާވެފައިވާ ގެދޮރުގެ މައްސަލައަށް ސާފު މިސްރާބެއް ކަނޑައެޅިގެންދިޔަ ކަމެކެވެ.
މި މަޝްރޫއުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ލީޒް-ޓު-އޯން ނުވަތަ ކުލި ދައްކަމުންގޮސް ގެދޮރު މިލްކުވާ މޮޑެލް ފުޅާ ދާއިރާއެއްގައި ތައާރަފުކުރާނެއެވެ. މީގެ ސަބަބުން ކުރިން އެޑްވާންސަށް ދައްކަންޖެހޭ ބޮޑެތި އަދަދުތައް ދެއްކުމުގެ ބުރަ ކުޑަވެގެންދާނެ ކަމަށް ޝަރީފު ފާހަގަކުރިއެވެ. މިއީ މަދު އާމްދަނީ ލިބޭ ރައްޔިތުންނަށް އަމާޒުކޮށްގެން، ގެދޮރުވެރިވުމަށް ލިބޭނެ ވަރަށް އެކަށޭނެ ހައްލެއް ކަމަށް އޭނާ ބުންޏެވެ.
މި މަޝްރޫއު ކާމިޔާބު ކުރުމަށް ސަރުކާރުން ދޭ އެހީތެރިކަން ފާހަގަކުރަމުން، ކުލި ދައްކަން ނުޖެހޭ ގޮތަށް ބިން ހަމަޖައްސައިދިނުމަކީ ވަރަށް ދުރުވިސްނޭ ނިންމުމެއް ކަމަށް ބީއެމްއެލްއިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން 2028 ވަނަ އަހަރުގެ މެދާ ހަމައަށް މާލެ ސަރަހައްދުގައި 3،260 ހައުސިން ޔުނިޓު އެޅުމަށް މިނިސްޓްރީއާއެކު ވަނީ އެއްބަސްވުމެއް ހަދާފައެވެ. އަދި އޭގެ ތެރެއިން 1،224 ޔުނިޓުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކުން މިހާރު ވަނީ ފަށާފައެވެ.
މި ބިޔަ މަޝްރޫއުގެ އިތުރުން، ގެދޮރުވެރިކަމަށް މާލީ އެހީތެރިކަން ފަސޭހައިން ލިބޭނެ ގޮތް ހެދުމަށް ބީއެމްއެލްއިން ވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ. އެގޮތުން، އެޕާޓްމަންޓެއް ގަތުމަށާއި ގެއެއް އިމާރާތްކުރުމަށް އަމިއްލައަށް ކުރަންޖެހޭ ހަރަދު 20 ޕަސަންޓުން 5 ޕަސަންޓަށް ވަނީ ދަށްކޮށްފައެވެ. އަދި މިނިސްޓްރީއާ ގުޅިގެން ހިޔާވެހި ފައިނޭންސިންގެ ދަށުން، ރަށްރަށުގައި އިތުރު ރަހުނަކާ ނުލައި ގެދޮރު އެޅުމަށް ތިން މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރަން ވެސް އެ ބޭންކުން ވަނީ ފަށާފައެވެ.
