ހުޅުމާލޭގައި އިމާރާތްކުރަމުންދާ ސައިޓެއްގެ ތެރޭގައި ބިދޭސީއަކު ރަހީނުކޮށް، އޭނާއަށް އަނިޔާކުރި މައްސަލައެއްގައި ފުލުހުން އެ މީހާ ސަލާމަތްކޮށް ހޮސްޕިޓަލުގައި ފަރުވާދީފިއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ ފަސް މީހަކު ހައްޔަރުކޮށްފައެވެ.

ފުލުހުން ބުނި ގޮތުގައި، މިމަހުގެ 25 ވަނަ ދުވަހު ހުށަހެޅުނު މި މައްސަލައިގައި ރަހީނުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ފިރިހެނެކެވެ. ފުލުހުން އެތަނަށް ގޮސް އޭނާ ސަލާމަތްކޮށް، ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ވެސް ބަންގްލަދޭޝްގެ ފަސް މީހެކެވެ. އެއީ 30 އަހަރުގެ އެމްޑީ ހޮސައިން، 34 އަހަރުގެ އެމްޑީ މެހެދި ހަސަން، 39 އަހަރުގެ އެމްޑީ ޝާ އަލަމް، 38 އަހަރުގެ ސަރފިފް ހަސަން އަދި 20 އަހަރުގެ ރަސަލްއެވެ.

ހައްޔަރުކުރި ފަސް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިއުމަށްޓަކައި އެންމެން ވެސް 15 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. އަދި މިފަދަ ކުށްތައް ހުއްޓުވުމަށް ފުލުހުން ދަނީ ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަމުންނެވެ.