ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ކުރިއަށް އޮތް ތިން ހަފްތާގެ ތެރޭގައި ގިރާވަރުފަޅު ހިއްކައި ނިންމައި، އެތަނުން ގޯތި ލިބުނު މީހުންނަށް ބިންތައް ހަވާލުކުރަން ފެށުން ކަމަށް ހައުސިން އެން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރު ވިދާޅުވީ މިވަގުތު ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ އެއްބަސްވުމާ އެއްގޮތަށް ވީހާވެސް އަވަހަކަށް ރައްޔިތުންނަށް ގޯތިތައް ދިނުމަށް ކަމަށެވެ.

މި އަހަރުގެ ޖެނުއަރީ މަހުގެ ފަހުކޮޅު ގިރާވަރުފަޅު ހިއްކަން ފަށާފައިވާއިރު، މި މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް ސަރުކާރުން ބުންޏެވެ. މިގޮތުން ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ބޮޑު ދެ ޑްރެޖަރު ބޭނުންކޮށްގެންނެވެ. އެއީ 35،000 ކިއުބިކް މީޓަރުގެ "ކުއީން އޮފް ދަ ނެދަލޭންޑްސް" އާއި 22،000 ކިއުބިކް މީޓަރުގެ "އޮރެންޖް" ނަމަކަށް ކިޔާ ޑްރެޖަރެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ދާދި ފަހުން މި ސައިޓަށް ވަޑައިގެން މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ.

މިނިސްޓަރު މުއްތަލިބު ފާހަގަކުރެއްވި ގޮތުގައި ކުރިން އޮތް ގޮތުން ގިރާވަރުފަޅުން ގޯތި ދޭން އެކަށީގެންވާ ވަރަށް ބިމެއް ނެތެވެ. ނަމަވެސް މިހާރު ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އިތުރަށް ބިން ހިއްކައިގެން، ގޯތި ލިބުނު އެންމެނަށް އެތަނުން ބިން ހަމަޖައްސައިދިނުމަށެވެ. އަދި އެތަނުގެ ލޭންޑް ޔޫޒް ޕްލޭން އޮތީ މީހުން އުޅޭ ސިޓީއަކަށް އެންމެ އެކަށީގެންވާ ގޮތަށް ނޫންކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ޕްލޭނަށް ބަދަލުތަކެއް ގެނައި ނަމަވެސް މިވަގުތު އެންމެ މުހިންމީ މީހުންނަށް ބިން ދޫކުރުން ކަމަށެވެ.

"ވީހާވެސް އަވަހަކަށް ތިން ހަފްތާ ތެރޭ ބިން ހިއްކައި ނިމުނީމައި ސާވޭކޮށް ގޯތިތައް ހަވާލުކުރުން އެއީ ސަރުކާރުގެ ވިސްނުމަކީ،" މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން ގޯތި ލިބުނު ފަރާތްތަކަށް ބިން ހަވާލުކޮށް ނިމޭވަރަކުން، އެތަންތަނުގައި ވަށާފާރު ރޭނުމާއި އެހެނިހެން ކަންކަން ކުރުމުގެ ހުއްދަ ދޫކުރަމުން ގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ބިން ހިއްކައި ނިމުމާއެކު ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ފަށާނެއެވެ. އޭގެ ފަހުން ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ވިއުގަ ގާއިމުކުރުމާއި މަގު ހެދުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ފެށޭތޯ ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް މިނިސްޓަރު މުއްތަލިބު ވަނީ ވިދާޅުވެފައެވެ.