ދިވެހިރާއްޖޭގެ އަމަންއަމާންކަން ބެލެހެއްޓުމުގައި ރެޔާއި ދުވާލު ހިދުމަތްކުރަމުން އަންނަ ދިވެހި ފުލުހުންނަށް، ނުވަތަ ގައުމުގެ "ނޫ ލަޝްކަރަށް" ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ އާއި ޝުކުރު އަދާކުރައްވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ މިއަދު ފާހަގަކުރަމުންދާ ދިވެހި ފުލުހުންގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސްގެ މެސެޖުގައި ވިދާޅުވީ، ފުލުހުންގެ ހިދުމަތް އުފެދުނީއްސުރެ މިއަދާ ހަމައަށް އެކި ދުވަސްވަރު މަގާމުގެ ވާޖިބު އަދާކުރެއްވި ކޮންމެ ފުލުހަކަށާއި، އެބޭފުޅުންގެ އާއިލާތަކަށް ނުހަނު ލޯތްބާއެކު ތަހުނިޔާ އާއި ޝުކުރު ދަންނަވާ ކަމަށެވެ. އަދި ފުލުހުންނަކީ ގައުމަށްޓަކައި ވަރަށް ބޮޑު ގުރުބާނީއެއް ވަމުން އަންނަ ބައެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންގެ މުއައްސަސާއާމެދު ސަރުކާރުން ގެންގުޅޭ ތަސައްވުރު ހާމަކުރައްވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ހަރުދަނާ ދަރިންތަކެއް ތިބި، ގައުމަށް ބޭނުންތެރި ހިދުމަތްތެރިންތަކެއް އުފައްދާ ތަނަކަށް ފުލުހުންގެ މުއައްސަސާ އަބަދުމެ ވެގެންދިއުން ކަމަށެވެ.

މީގެ އިތުރުން، ރާއްޖޭގެ ރީތިކަމާއި ހިތްފަސޭހަކަން ދެކޭ ކޮންމެ ދިވެއްސަކާއި ބިދޭސީއަކަށް ވެސް އަމާންކަމާއި އިތުބާރު ކަށަވަރުކޮށްދިނުމުގައި ފުލުހުންނަކީ ޒިންމާދާރު އަދި ގާބިލު ބައެއްގެ ގޮތުގައި ދެމިތިބުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.