ގދ. ފިޔޯރީގައި ދާޖަހައިގެން މަސް ހިފަން އުޅުނު އުމުރުން ދުވަސްވީ މީހަކު ގެނބިގެން ނިޔާވެއްޖެއެވެ. މި ހިތާމަވެރި ހާދިސާގައި ނިޔާވެފައިވަނީ އެ ރަށު ގަހާކޯޅި، މުހައްމަދު ހުސައިން (79 އަހަރު) އެވެ.

ފުލުހުން ބުނި ގޮތުގައި، ފިޔޯރީގައި ދާޖަހަން ގޮސް އުޅުނު މީހަކު ގެނބިގެން އުޅޭކަމުގެ ރިޕޯޓު ލިބިފައިވަނީ އިއްޔެ މެންދުރުފަހު 1:42 ހާއިރުއެވެ. އޭނާ ފެނުމާއެކު ވަގުތުން ރަށު ސިއްހީ މަރުކަޒަށް ގެންދިޔަ ނަމަވެސް، އެތަނަށް ގެންދިޔައިރުވެސް އޮތީ ނިޔާވެފައި ކަމަށް ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ބުންޏެވެ.

މައުލޫމާތު ލިބޭ ގޮތުގައި މުހައްމަދު ހުސައިންއަކީ އެ ރަށުގައި އާންމުކޮށް މަސް ހިފަން ގޮސް އުޅޭ މީހެކެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން ބަލަންޖެހޭ އިތުރު ކަންކަން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.