ދުނިޔޭގެ ސިއްހީ ދާއިރާގައި މިހާރު އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކައަކީ ހަކުރުގެ ބަދަލުގައި ބޭނުންކުރާ މަސްނޫއީ ފޮނި އެއްޗެހީގެ ސަބަބުން ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތަކުގެ ވާހަކައެވެ. ހާއްސަކޮށް ބަރުދަން ލުއިކުރުމަށާއި، ހަކުރު ބަލިން ރައްކާތެރިވުމަށްޓަކައި ގިނަ ބަޔަކު ބޭނުންކުރާ "އެރިތްރިޓޯލް" އަކީ ކުރިން ހީކުރެވުނު ވަރަށް ވުރެ ނުރައްކާތެރި މާއްދާއެއްކަން އާ ދިރާސާއަކުން މިވަނީ ހާމަވެފައެވެ.
ޔުނިވަރސިޓީ އޮފް ކޮލޮރާޑޯ އެޓް ބޯލްޑަރ އިން ކުރިއަށް ގެންދިޔަ މި ދިރާސާގައި ބުނާގޮތުން، ކީޓޯ ޑައިޓްގައި ބޭނުންކުރާ ކާނާ އާއި ޑައިޓް ބުއިންތަކުގައި އާންމުކޮށް ހުންނަ އެރިތްރިޓޯލްއަކީ ސިކުނޑީގެ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުތަކެއް ކުރާ އެއްޗެކެވެ. މިއީ ހަކުރުގެ ބަދަލުގައި ބޭނުންކުރަން ރައްކާތެރި އެއްޗެއްގެ ގޮތުގައި މީގެ ކުރިން ބެލެވުނު ނަމަވެސް، އާ ހޯދުންތަކުން ދައްކަނީ މިއާ އިދިކޮޅަށެވެ.
މި ދިރާސާގެ ހޯދުންތަކުން ދައްކާ ގޮތުގައި، އެރިތްރިޓޯލްގެ ސަބަބުން ސިކުނޑީގެ ލޭހޮޅިތަކުގެ ސެލްތަކަށް ބުރޫއަރައެވެ. މީގެ ސަބަބުން ލޭހޮޅިތައް "ރިލެކްސް" ވުމަށް ނުވަތަ ހަމައަކަށް އެޅުމަށް ހުރަސްތަކެއް ކުރިމަތިވެއެވެ. އަދި ހަމައެއާއެކު، ހަށިގަނޑަށް ގެއްލުންދޭ "އޮކްސިޑޭޓިވް ސްޓްރެސް" އިތުރުކޮށްދެއެވެ. މީގެ އިތުރުން، ލޭގެ ތެރޭގައި އުފެދޭ ގަނޑުތައް ވިރުވައިލުމަށް ހަށިގަނޑަށް ކުރިމަތިވާ ނުކުޅެދުންތެރިކަން މި މާއްދާގެ ސަބަބުން އިތުރުވެގެންދެއެވެ.
މި ހުރިހާ ބަދަލުތަކެއްގެ ނަތީޖާއަކީ ސިކުނޑިއަށް ލޭ ދައުރުވުމަށް ހުރަސްއެޅި، ސްޓްރޯކް ޖެހުމުގެ ނުރައްކާ އިންތިހާއަށް ބޮޑުވުމެވެ. އެންމެ ކަންބޮޑުވާންޖެހޭ ކަމަކީ، އާންމުކޮށް މީހުން ބޭނުންކުރާ މިންވަރަށް މި މާއްދާ ބޭނުންކުރުމުން ވެސް މިފަދަ ނުރައްކާތަކާ ކުރިމަތިވާކަން ދިރާސާއިން ފާހަގަކުރެވިފައިވާވުމެވެ.
ވީމާ، ފޮނި އެއްޗެހި ބޭނުންކުރުމުގައި، ހާއްސަކޮށް "ޝުގަރ ފްރީ" ނުވަތަ "ޑައިޓް" ގެ ނަމުގައި ވިއްކާ ތަކެތި ބޭނުންކުރުމުގައި މިހާރަށްވުރެ ބޮޑަށް ސަމާލުވާންޖެހެއެވެ. ސިއްހަތަށް ފައިދާހުރި ގޮތަކީ މިފަދަ މަސްނޫއީ މާއްދާތަކަށް ބަރޯސާވުމުގެ ބަދަލުގައި، ގުދުރަތީ ކާނާ ބޭނުންކުރުމާއި ހަކުރު ބޭނުންކުރާ މިންވަރު މަދުކުރުމެވެ. ސިއްހަތަކީ ނިއުމަތެއް ކަމުގައި ދެކި، މިފަދަ ނުރައްކާތަކުން ސަލާމަތްވުމަށް ދުރާލާ ފިޔަވަޅު އެޅުން މުހިންމެވެ.
ހަވާލާ: ސައިންސް ޑެއިލީ 2026.
