ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުޅުމާލެ ފޭސް 1 ގައި ތަރައްގީކުރާ 182 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މި މަޝްރޫއަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، ބޭންކު މެދުވެރިކޮށް ހިންގާ "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން" ޕްރޮގްރާމުގެ ބައެކެވެ. މި މަޝްރޫއުގެ ބިންގާ އަޅައިދެއްވީ ހައުސިން އެން ކޮންސްޓްރަކްޝަން މިނިސްޓަރު ޑޮކްޓަރު އަބްދުﷲ މުއްތަލިބާއި ބީއެމްއެލްގެ އިސްވެރިންނެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.

މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެފްޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މިއީ "ލީސް-ޓު-އޯން" މޮޑެލްގެ ދަށުން، ކުއްޔަށް ހިފުމަށްފަހު އަމިއްލަ މިލްކަކަށް ވާގޮތަށް ފަރުމާކޮށްފައިވާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް 1، ހުޅުމާލެ ފޭސް 2 އަދި ވިލިމާލޭގައި ޖުމްލަ 3260 ހައުސިން ޔުނިޓް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މެދުފަންތީގެ އާއިލާތަކަށް ބޭންކު މޯގޭޖް މެދުވެރިކޮށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ރައީސް ގެންގުޅުއްވާ ސިޔާސަތުގެ ތެރެއިން ކުރިއަށްދާ މަސައްކަތެކެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ތަނަވަސް އާއިލާތަކަށް ރިއަލް އެސްޓޭޓް އުސޫލުން އަދި އަމިއްލައަށް ތަނެއް ނުގަނެވޭ އާއިލާތަކަށް ސޯޝަލް ހައުސިން ފޯރުކޮށްދޭނެ ކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ ބޭންކިން ސެކްޓާގެ ބައިވެރިވުން މި ދާއިރާއިން އިތުރުކުރުމަށް ސަރުކާރުން ބާރުއަޅާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މި މަޝްރޫއަކީ އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ބޭންކުތަކާ ގުޅިގެން ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި ސަރުކާރުން ފާހަގަކުރެއެވެ.