މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމައިގެ ހާލަތާ ގުޅިގެން، ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެއްޗާއި، ބޭހާއި، ތެޔޮ އަދި ގޭސް ދަތިކަމެއް ނެތި ލިބޭނެ މަގު ތަނަވަސްކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު ވިދާޅުވީ، ރާއްޖެއަށް އާންމުކޮށް މުދާ ނުގެންނަ ގައުމުތަކާ އެކު ވެސް ވިޔަފާރީގެ ގުޅުން ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރަމުންދާ ކަމަށެވެ. މިކަމާ ގުޅޭގޮތުން އުފައްދާފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ، އިންޑިއާ އާއި ޗައިނާ އާއި މެލޭޝިއާ އާއި ވިއެޓްނާމާއި އިންޑޮނީޝިއާ އަދި ތައިލެންޑުން މިހާރު ގެންނަ މުދަލުގެ އިތުރުން އެހެން ބާވަތްތައް ވެސް ފަސޭހައިން ގެނައުމަށް އެ ގައުމުތަކާ ސީދާ މަޝްވަރާ ކުރަމުންދާ ކަމަށް ހާމަކުރައްވާފައެވެ.

އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ، އިންޑޮނީޝިއާ ފަދަ ގައުމުތަކަކީ މިހާރު ވެސް ފަރުނީޗަރު ފަދަ ތަކެތި ރާއްޖެއަށް ގެންނަ ގައުމުތައް ނަމަވެސް، އެ ގައުމުތަކުން އަސާސީ މުދާ ވެސް ފަސޭހަކަމާ އެކު ގެނައުމަށް މިހާރު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެންނަށް ވިޔަފާރީގެ ގުޅުން މާބޮޑަށް ބަދަހިކުރެވިފައި ނެތް މާކެޓްތަކާ އެއްކޮށް އަޅުގަނޑުމެން މިދަނީ މިހާރުން މިހާރަށް ވެސް އެފަރާތްތަކާ ވާހަކަ ދައްކައިގެން ގުޅުން ގާއިމް ކުރުމުގެ މަސައްކަތްތައް ކުރަމުން،" މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

މި މަސައްކަތުގެ ބޭނުމަކީ ބޭރުގެ މަސްރަހަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ބާޒާރަށް މުދާ ލިބުމުގައި އެއްވެސް ހުރަހެއް ކުރިމަތިވިޔަ ނުދިނުމެވެ.

ހަނގުރާމައާ ގުޅިގެން މެދުއިރުމަތީން، ހާއްސަކޮށް ދުބާއީއިން މުދާ ގެނައުން މަދުވި ނަމަވެސް، މި މާޗް މަހުގެ 4 ވަނަ ދުވަހުން ފެށިގެން އެއާ ކާގޯ މެދުވެރިކޮށް މުދާ ގެންނަ މިންވަރު އިތުރުވާން ފަށާފައިވާ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތަށް ބޭނުންވާ ސާމާނު ގެނައުމުގައި ހުރި ދަތިތަކަށް ވެސް ހައްލު ހޯދުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. ސަރުކާރުގެ އަމާޒަކީ ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހަމަނުޖެހުމެއް ހިނގި ކަމުގައި ވިޔަސް، ދިވެހި ރައްޔިތުންނަށް ބޭނުންވާ މުހިންމު ބާވަތްތައް މެދުނުކެނޑި ލިބޭނެ ގޮތް ހަމަޖެއްސުން ކަމުގައި މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.