އެމެޒޯންގެ ފައުންޑަރ އަދި ދުނިޔޭގެ މަހުޖަނުންގެ ތެރޭގައި ހިމެނޭ ޖެފް ބޭޒޮސް އެމެޒޯންގެ ސީއީއޯ ކަމުގެ މަގާމުން އިސްތިއުފާދެއްވައިފިއެވެ.
މީގެ 27 އަހަރު ކުރިން ޖެފް އޭނާގެ ގަރާޖްގެ ތެރޭގައި ފެށި އެމެޒޯން އޮންލައިން ކުންފުނީގެ ސީއީއޯ ކަމުން އިސްތިއުފާ ދެއްވާފައި ވާއިރު، ދެން އޭނާ ހުންނަވާނީ އެމެޒޯންގެ އެގްޒެކެޓިވް ޗެއަރމަންގެ މަގާމުގައެވެ.
ބޭރުގެ ޙަބަރުތައް ބުނާގޮތުގައި ޖެފް އެމެޒޯންގެ ސީއީއޯކަމުގެ މަގާމުން އިސްތިއުފާދެއްވީ އޭނާގެ ސްޕޭސް ޓްރެވަލް ކުންފުނި ކަމަށްވާ ބްލޫ އޮރިޖިން ކުންފުނި ހިންގުމަށް ބޭނުންވާ ވަގުތު ދިނުމަށާއި އެ ކުންފުނި ކުރިއެރުވުމަށް ކަމަށެވެ.
1994 ވަނަ އަހަރު އޮންލައިން ބުކްސޮޕްއެއްގެ ގޮތުގައި ޖެފް އެމެޒޯން ކުންފުނި ފަށައިގެން މިއަދާ ހަމައަށް އައި އިރު އެމެޒޯން އަކީ ދުނިޔޭގެ އެކި ހިސާބުތަކުން މިލިއަނެއްހާ މުވައްޒަފުންނާއެކު މަސައްކަތް ކުރާ، ޕެކޭޖް ޑެލިވަރީން ފެށިގެން އޮންލައިން ވީޑިއޯ ސްޓްރީމިން، ކްލައުޑް ސަރވިސް އަދި އިޝްތިހާރުކުރުމުގެ ހިދުމަތް ފުޅާދާއިރާއެއްގައި ދެމުން އަންނަ ކުންފުންޏެކެވެ.
ދުނިޔޭގެ މުއްސަދިންގެ ލިސްޓިގެ ކުރީގައި ޖެފް ހިމެނޭއިރު އޭނާއަކީ ކުންފުނި ހިންގުމުގައި ގެންގުޅޭ އުސޫލުތަކުގެ ސަބަބުން މީހުންގެ ފާޑުކިއުން ވަރަށް ބޮޑަށް އަމާޒުވެފައިވާ ބޭފުޅެކެވެ. ނަމަވެސް ގަބޫލުކުރާ ވަކި އުސޫލުތަކެއްގައި ސާބިތުވެ ހުންނަވައި ޖެފްވަނީ ވިޔަފާރި ހިންގުމުގެ ދާއިރާއަށް ދުނިޔޭގެ ނިސްބަތުން ބޮޑު ބަދަލުތަކެއް ގެނުވާފައެވެ.
