އެމެޖެންސީ ނޫން ހާލަތްތަކުގައި ވެސް އާސަންދަ މެދުވެރިކޮށް އެމްބިއުލާންސް ހިދުމަތް ލިބޭނެ ގޮތް ހެދުމަށް ސަރުކާރުން ނިންމައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އަންނަ އެޕްރީލް މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި އާ އުސޫލަށް އަމަލުކުރަން ފަށާނެ ކަމަށެވެ. މިއީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާކުރުމަށް ފަހު، ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށް ނިންމި ނިންމުމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

މި އާ ބަދަލާއެކު، އިމަރޖެންސީ ހާލަތްތަކުގެ އިތުރުން މައްޔިތުން އެމްބިއުލާންސްގައި އުފުލުމާއި، އެނދުމަތިކުރެވިފައިވާ ބަލިމީހުންނާއި ވީލްޗެއާ ބޭނުންކުރާ ފަރާތްތަކަށް އައުޓްޕޭޝަންޓް ހިދުމަތް ހޯދުމަށް އެމްބިއުލާންސް ބޭނުންކުރެވޭނެއެވެ. މީގެ އިތުރުން ޖިސްމާނީ އަދި ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި، އޯޓިޒަމް އަދި ޑައުން ސިންޑްރޯމް ހުންނަ ކުދިންނަށް ވެސް މި ހިދުމަތް އާސަންދަ މެދުވެރިކޮށް ލިބިގެންދާނެއެވެ. ރައީސް ވިދާޅުވީ، މިކަމަށް ހިނގާނެ ހަރަދުތަކާއި ކުރިމަތިވެދާނެ ގޮންޖެހުންތައް ވެސް ސަރުކާރުން ދިރާސާކޮށްފައިވާ ކަމަށެވެ.

"މިއީ ވަރަށް ގިނަ ދުވަހު އެކަމާ ގުޅޭގޮތުން މަޝްވަރާކޮށް އެކަމާ ބެހޭ ގޮތުން ޓެކްނިކަލް ލެވެލްގައި އަދި އޭގެ ހިސާބުތައް؛ ފައިނޭންޝަލީ ބަޖެޓަރީ އިމްޕްލިކޭޝަންސް އޮޕަރޭޝަނަލް އެންގަލުން ބަލަންޖެހޭ ކަންތައްތައްވެސް ބެލުމަށް ފަހު އަޅުގަނޑުމެން ނިންމި ނިންމުމެއް،" ރައީސް ވިދާޅުވިއެވެ.

އެމްބިއުލާންސް ހިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން މިދިޔަ މަހު 56 ރަށަކަށް އެމްބިއުލާންސް ފޮނުވާފައިވާއިރު، އަންނަ މަހުގެ ތެރޭގައި ޕެރަމެޑިކް އެމްބިއުލާންސްތައް ވެސް ލިބޭނެ ކަމަށް ސަރުކާރުން ބުންޏެވެ. މި ހުރިހާ މަސައްކަތެއްގެ އަމާޒަކީ ހުރިހާ ރަށަކަށް އެމްބިއުލާންސްގެ ހިދުމަތް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމެވެ.