މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް މާލީ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، އެ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދީފިއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފު ވިދާޅުވީ، ބޭންކުގެ އެންމެ ބޮޑު އިސްކަމަކީ މި ދަތި ވަގުތުގައި ޓޫރިޒަމް ސިނާއަތާ އެކު ސާބިތުވެ އޮތުން ކަމަށެވެ. މިކަމަށްޓަކައި ރިސޯޓު އޮޕަރޭޓަރުންނާއި ގެސްޓް ހައުސް ހިންގާ ފަރާތްތަކުގެ މާލީ ހާލަތަށް އަންނަ ބަދަލުތައް ދެނެގަތުމަށް ބޭންކުން ދަނީ މެދުކެނޑުމެއް ނެތް މަޝްވަރާތައް ކުރަމުންނެވެ.

ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ވަނީ ބޮޑެތި އަސަރުތަކެއް ކޮށްފައެވެ. މިނިސްޓަރު ތޯރިގު އިބްރާހިމް ހާމަކުރެއްވި ގޮތުގައި، މިހާތަނަށް ރާއްޖެއަށް އަންނަން އޮތް 496 ފްލައިޓެއް ވަނީ ކެންސަލްވެފައެވެ. އަދި މި މަހުގެ ތެރޭގައި ދުވާލަކު އެވްރެޖުކޮށް ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ 1,150 އަށް ވުރެ ބޮޑަށް މަދުވެފައެވެ. މި ހާލަތުން އަރައިގަތުމަށްޓަކައި ސްޓޭކްހޯލްޑަރުންނާ ގުޅިގެން މާލީ ހައްލުތަކެއް ފޯރުކޮށްދީ، މުޅި ސިނާއަތުގެ އިތުބާރު ދެމެހެއްޓުމަށް ބީއެމްއެލް އިން ދަނީ އިސްކަންދެމުންނެވެ.

ބީއެމްއެލްގެ ބަޔާނުގައި ބުނީ، ރާއްޖޭގެ އިގުތިސާދުގެ މައިތަނބަކީ ޓޫރިޒަމް ކަމަށް ވުމުން، އެ ސިނާއަތް ކުރިއެރުވުމަށް މަސައްކަތް ކުރުމަކީ ގައުމީ ފެންވަރުގައި ބޭންކުން އެންމެ އިސްކަންދޭ ކަންތައް ކަމަށެވެ.

"ބޭންކް އޮފް މޯލްޑިވްސް އިން ކުރިއަށް އޮތް ތަނުގައި ވެސް ހާލަތު ބަދަލުވަމުން އަންނަ ގޮތް ގާތުން ބަލަމުންދާނެ،" ބޭންކުގެ ބަޔާނުގައި ވެއެވެ.

ބޭނުންވާ ހާލަތްތަކުގައި އެހީތެރިކަމުގެ ފިޔަވަޅުތަކަށް ބަދަލު ގެނެސް، ޓޫރިޒަމް ދާއިރާއަށް ދިމާވާ ގެއްލުންތަކުން އަރައިގަތުމަށް ބޭންކުން ފޯރުކޮށްދޭ އެހީތެރިކަން މެދުނުކެނޑި ކުރިއަށްދާނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.