އެންޓާކްޓިކާ ފަދަ އިންތިހާ ދަރަޖައަށް ފިނިގަދަ ސަރަހައްދުތަކުގައި ދިރިއުޅޭ ޕެންގުއިންތަކަކީ، އެ ފިނީގައި ސަލާމަތުން ތިބުމަށްޓަކައި ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ދިރޭ އެއްޗެހީގެ ބާވަތެކެވެ. ބަލާލުމަށް ކިތަންމެ ލޯބި ނަމަވެސް، ޕެންގުއިންގެ ފަލަ ހަށިގަނޑަކީ ފިނިން ރައްކާތެރިވުމަށްޓަކައި ލެވިފައިވާ ބޯ ފެޓް ނުވަތަ ސަަރުބީގެ ފަށަލައެކެވެ. މީގެ އިތުރުން، އެ ސަރުބީ ފަށަލައިގެ ބޭރުން ވަނީ ފިނިން ސަލާމަތްވުމަށްޓަކައި ވަރަށް ބޯ ކޯޓެއް ފަދަ ކުދި ފަތްތަކަކުން ނިވާކުރެވިފައެވެ. ގޭގެ ފާރުތަކުގައި ފިނި ހިފެހެއްޓުމަށް ބޭނުންކުރާ 'އިންސިއުލޭޓަރެއް' ފަދައިން، މި ފަށަލަތަކުގެ ސަބަބުން ހަށިގަނޑުގެ ހޫނުމިން ބޭރުވިޔަނުދީ ހިފަހައްޓައިދެއެވެ.

ޕެންގުއިންގެ ފަތްތަކަކީ ފެން ނުހިފާ ގޮތަށް އުފެދިފައިވާ އެއްޗެކެވެ. ޕެންގުއިންގެ ނިގޫކޮޅުގައި ހުންނަ ތެޔޮ ގްލޭންޑަކުން އުފައްދާ ގުދުރަތީ ތެޔޮ މުޅި ހަށިގަނޑުގައި އުނގުޅައިގެން، ފެނުން ތެމުނަ ނުދީ ހަށިގަނޑު ރައްކާތެރިކުރެއެވެ. އެހެންކަމުން، ފެނުން އަރައިގެން އަންނަ ޕެންގުއިންތަކުގެ ހަށިގަނޑު ފެންނަނީ ވަރަށް ބޮޑަށް ފުފިފައި ހުންނަ ހިކި އެއްޗެއްގެ ގޮތުގައެވެ. އަދި ޕެންގުއިންގެ ފައިތިލައަކީ އަބަދުވެސް ގަނޑުފެނުގައި ޖެހިފައި ހުންނަ އެއްޗަކަށް ވާއިރު، ފައިތިލައިގައި ހުންނަނީ 'ކޯލްޑް ބްލަޑް' ނުވަތަ ފިނި މާހައުލަށް ކެތްކުރާ ފަދަ ސެލްތަކެކެވެ. އަދި އެސޮރުމެންގެ ފައިގައި އިންނަ 'ވޮންޑަނެޓް' ކިޔާ ހާއްސަ ލޭހޮޅިއެއްގެ އެހީގައި، ފައިތިލަ ގަނޑުވިޔަނުދީ އެކަށީގެންވާ ހޫނުމިނެއްގައި ބަހައްޓައިދެއެވެ.