މަޝްހޫރު އިނގިރޭސި ލަވަކިޔުންތެރިޔާ ޒޭން މާލިކް ނެރުމަށް ތައްޔާރުވަމުންދާ އޭނާގެ ފަސްވަނަ އަލްބަމް "ކޮންނަކޯލް" (Konnakol) ގައި، ޕާކިސްތާނުގެ މިއުޒިކީ ލެޖެންޑް ނުސްރަތު ފަތުހު އަލީ ޚާނަށް އިޙްތިރާމް އަދާކުރުމުގެ ގޮތުން ޚާއްޞަ ލަވައެއް ހިމަނާފައިވާކަން ހާމަކޮށްފިއެވެ.
"ޓްރެކް ސްޓާ ޕްރެޒެންޓްސް" އަށް ދިން ބަސްދީގަތުމެއްގައި، "ވަން ޑައިރެކްޝަން" ގެ ކުރީގެ ތަރި ޒޭން ބުނިގޮތުގައި، މި ލަވައަށް ދީފައިވާ ނަމަކީ "ނުސްރަތު" އެވެ. މި ލަވައަކީ ކައްވާލީގެ ރަސްގެފާނުގެ ގޮތުގައި މަޝްހޫރުވެފައިވާ ނުސްރަތު ފަތުހު އަލީ ޚާންގެ މިއުޒިކީ ނުފޫޒުން އިންސްޕަޔަރ ވެގެން އުފައްދާފައިވާ ލަވައެކެވެ. ޒޭން ބުނީ ލަވައަށް އެ ނަން ދިނުމަކީ އެ ފަންނާނަށް ޝަރަފެއް އެރުވުމުގެ ގޮތުން ގަސްދުގައި ކުރި ކަމެއް ކަމަށެވެ.
އަންނަ އޭޕްރީލް މަހުގެ 17 ވަނަ ދުވަހު ނެރުމަށް ހަމަޖެހިފައިވާ މި އަލްބަމްގެ ނަން ކަމަށްވާ "ކޮންނަކޯލް" އާ ބެހޭގޮތުން ވާހަކަ ދައްކަމުން ޒޭން ކިޔައިދިން ގޮތުގައި، މިއީ އަޑު ބޭނުންކޮށްގެން ރިދަމް އަދި ޕާކަޝަންގެ އަޑުތައް އުފައްދާ އާދަޔާ ހިލާފު އުކުޅެކެވެ. އޭނާ ވަނީ އަޑުން ބީޓްތައް އުފައްދައި، އޭގެ މައްޗަށް ރާގުތައް އަތުރާލައިގެން ތަފާތު ތަޖުރިބާތަކެއް މި އަލްބަމްގައި ކޮށްފައެވެ.
މި އަލްބަމްގެ އިންތިޒާރުގައި ފޭނުން ތިއްބާ، މިދިޔަ ހުކުރު ދުވަހު ނިއުޔޯކްގެ މަގުމަތިން ޒޭން ފެނުމުން ގިނަ ބަޔަކު ވަނީ ހައިރާންވެފައެވެ. އާންމުކޮށް މީހުންގެ ތެރެއަށް ނުކުމެ ނޫޅޭ 33 އަހަރުގެ ޒޭން، އޭނާގެ އާ ސިންގަލް "ސައިޑްވޭސް" ޕްރޮމޯޓް ކުރުމަށް ނުކުމެ އުޅެނިކޮށް ފެނުމަކީ ފޭނުންނަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ.
ޒޭންގެ އާ ލަވަ "ސައިޑްވޭސް" އަށް ސޯޝަލް މީޑިއާގައި ބޮޑު ތަރުހީބެއް ލިބެމުންދާއިރު، އޭނާގެ ވޯކަލްސް އަދި އާޓިސްޓިކް ހުނަރަށް ގިނަ ބަޔަކު ދަނީ ތައުރީފު ކުރަމުންނެވެ. މި އާ އަލްބަމާއެކު ޒޭންގެ މިއުޒިކީ ދަތުރުގެ އާ ބާބެއް ފެށިގެންދާނެ ކަމަށް ބެލެވެއެވެ.
