ދުނިޔޭގެ ސައިންސްވެރިން ވަނީ ކަނޑުގެ ދިރުންތަކުގެ ތާރީޚުގައި ފެނުނު އެންމެ މަދު އަދި އެންމެ އާދަޔާޚިލާފު އެއް މަންޒަރު ކެމެރާއަށް ރެކޯޑުކޮށްފައެވެ. އެއީ ބޮޑުމަހެއް ވިހެއުމުގެ މަރުހަލާގައި، އެ ސަރަހައްދުގައި ތިބި އެހެން ބޮޑުމަސްތައް އެހީތެރިވެދިން މަންޒަރެވެ.

މި ތާރީޚީ ހާދިސާ ރެކޯޑުކޮށްފައިވަނީ ޖުލައި 8، 2023 ގައި ޑޮމިނިކާގެ އައްސޭރިފަށާ ކައިރިން ދިރާސާ ކުރަމުންދިޔަ ޓީމަކުންނެވެ. މި މަންޒަރުތައް ރެކޯޑުކުރުމަށްޓަކައި ޑްރޯން ކެމެރާ، ފެނުގެ އަޑީގައި ބޭނުންކުރާ އޯޑިއޯ ރެކޯޑާ އަދި ލައިވް ވީޑިއޯ ބޭނުންކޮށްފައިވެއެވެ.

ސައިންސްވެރިން ބުނި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ 11 ބޮޑުމަހުގެ ގްރޫޕެއްގެ ތެރޭގައެވެ. އޭގެ ތެރޭގައި ހިމެނޭ އުމުރުން 19 އަހަރުގެ އަންހެން ބޮޑުމަހެއް އޭގެ ދެވަނަ ދަރިފުޅު ވިހެއުމުގެ މަރުހަލާ ފަސް ގަޑިއިރާއި ބައިގެ ވަގުތަކަށް ދެމިގެންދިޔައިރު، ސައިންސްވެރިން ވަނީ އެ މަރުހަލާ މުޅިން ބަލާފައެވެ.

މި ދިރާސާއިން އެނގުނު އެންމެ މުހިންމު ކަމަކީ، ވިހެއުމުގެ ވަގުތުގައި އެހެން އަންހެން ބޮޑުމަސްތައް ވިހާ މަހާ ވަރަށް ކައިރީގައި ތިބި ކަމެވެ. އަދި ޅަ މަސް ވިހެއުމާއެކު، އެއީ ފެނުގެ ތެރެއަށް އަޑިއަށް ގޮސް ނޭވާ ނުލެވި މަރުވެދާނެތީ، އެހެން މަސްތައް ވެގެން ޅަ މަސް މައްޗަށް އުފުލައިދީ ފުރަތަމަ ނޭވާ ލުމަށް އެހީތެރިވެދީފައިވެއެވެ.

މި ހޯދުންތަކާ ގުޅޭގޮތުން ކަމާބެހޭ މާހިރުން ވިދާޅުވީ، ކަނޑުގެ ދިރުންތަކުގެ 93 ބާވަތުގެ ތެރެއިން މިގޮތަށް ވިހާ މަންޒަރު ފެނިފައިވަނީ އެންމެ 9 ބާވަތަކުން ކަމަށެވެ. އަދި އާއިލީ ގުޅުމެއް ނެތް މަސްތައް މިގޮތަށް އެކަކު އަނެކަކަށް އެހީތެރިވުމަކީ ސައިންސްގެ ތާރީޚުގައި ފެނުނު އެންމެ މަދު ހާދިސާއެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.

ދިރާސާގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މި ވަގުތު ބޮޑުމަސްތައް ވަކި ޚާއްޞަ އަޑުތަކެއް ލައްވަމުން ގެންދިޔައެވެ. މިއީ އެ ސަރަހައްދުގައި ތިބި އެހެން މަސްތަކާ މުއާމަލާތްކޮށް، ޅަ މަސް ރައްކާތެރިކުރުމަށް ރާވާފައިވާ އުކުޅެއް ކަމަށް ބެލެވެއެވެ. މިއީ މިފަދަ މަސްތަކުގެ މެދުގައި އޮންނަ އިޖުތިމާއީ ގުޅުން މިލިއަނަކަށްވުރެ ގިނަ އަހަރުގެ ތެރޭގައި ތަރައްގީވެފައިވާ މިންވަރު ދައްކުވައިދޭ ކަމެކެވެ.

ބޮޑުމަހުގެ މާބަނޑު ދުވަސްވަރު ގާތްގަނޑަކަށް 16 މަސްދުވަހަށް ދެމިގެންދާއިރު، އަލަށް އުފަންވާ މަސްތަކުގައި ގާތްގަނޑަކަށް 4 މީޓަރު ހުރެއެވެ. އަދި މި ޅަ މަސްތައް މަދުވެގެން ދެ އަހަރު ވަންދެން މައިމަހުގެ ކިރުގެ މައްޗަށް ބަރޯސާވެއެވެ. މި މުހިންމު ދިރާސާ މިހާރު ވަނީ ދުނިޔޭގެ މަޝްހޫރު ސައިންޓިފިކް ޖާނަލްތަކުގައި ޝާއިއުކޮށްފައެވެ.