ޔުނިވަރސިޓީ އޮފް ކެލިފޯނިއާ - ބާކްލީގެ ސައިންސްވެރިން ވަނީ އިންސާނާގެ ސިކުނޑިއާއި ހަށިގަނޑުގެ ދުޅަހެޔޮކަމާ ގުޅޭގޮތުން ނުހަނު މުހިންމު އަދި އެހާމެ ހައިރާންކުރުވަނިވި ހޯދުމެއް ހޯދާފައެވެ. މި ހޯދުމުން ހާމަވާ ގޮތުގައި، ގަދަ ނިދީގެ ވަގުތަކީ ހަމައެކަނި ހަށިގަނޑު އަރާމުކޮށްލާ ވަގުތެއް ނޫނެވެ. އޭގެ ބަދަލުގައި، އެއީ ހަށިގަނޑުގެ މަސްތައް ވަރުގަދަކޮށް، ސަރުބީ ވިރުވައި، އަދި ސިކުނޑީގެ ބާރު އިތުރުކޮށްދޭ "ސްވިޗެއް" މަސައްކަތްކުރަން ފަށާ ވަގުތެކެވެ.

މި ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި، ގަދަ ނިދީގެ ސަބަބުން ސިކުނޑީގެ ތެރޭގައި ހާއްސަ ނިޒާމެއް ހަރަކާތްތެރިވާން ފަށައެވެ. މި ނިޒާމުގެ ސަބަބުން ހަށިގަނޑުގެ ހެދިބޮޑުވުމަށް ބޭނުންވާ 'ގްރޯތު ހޯމޯން' ކޮންޓްރޯލް ކުރެއެވެ. މި ހޯމޯންގެ ސަބަބުން ހަށިގަނޑުގެ މަސްތަކާއި ކަށިތައް ވަރުގަދަވެ، މެޓަބޮލިޒަމް ނުވަތަ ހަކަތަ އުފައްދާ ނިޒާމު ހަލުވިވެގެންދެއެވެ. މިއީ ހަށިގަނޑުގައި ހުންނަ ބޭކާރު ސަރުބީ ވިރުވައިދިނުމަށާއި، ސިކުނޑީގެ މަސައްކަތްތައް ނުވަތަ މެންޓަލް ޕާފޯމަންސް ރަނގަޅުކުރުމަށް އެހީތެރިވެދޭ ވަރަށް މުހިންމު މަރުހަލާއެކެވެ.

ސައިންސްވެރިން ވަނީ މި މަރުހަލާގެ ފަހަތުގައިވާ ނާރުތަކުގެ ވިއުގަ ނުވަތަ 'ނިއުރަލް ސާކިޓްސް' ތައް މިހާރު ދެނެގަނެފައެވެ. މި ހޯދުމުން އެނގުނު އެންމެ އާދަޔާ ހިލާފު އެއް ކަމަކީ، ނިދުމާއި ގްރޯތު ހޯމޯންއާ ދެމެދު އޮންނަ ނާޒުކު ގުޅުމެވެ. ނިދުމުގެ ސަބަބުން ގްރޯތު ހޯމޯން އުފައްދައިދޭ އިރު، ހަމަ އެ ހޯމޯންގެ ސަބަބުން އިންސާނާ ހޭލައި ހުންނަ ވަގުތުތަކުގައި ސިކުނޑި ހޭލުންތެރިކޮށް ބެހެއްޓުމަށް ބާރުއަޅައެވެ. މިއީ އެކަތި އަނެކައްޗަށް ބަރޯސާވެފައިވާ ވަރަށް ފުރިހަމަ "ފީޑްބެކް ލޫޕެކެވެ".

މި ހޯދުމުގެ ސަބަބުން، ހަށިގަނޑުގެ ދުޅަހެޔޮކަމާއި ނިދުމާ ހުރި ގުޅުން އިތުރަށް ސާފުވެގެންދެއެވެ. މާތް ﷲ އިންސާނާގެ ހަށިގަނޑު ފަރުމާކުރައްވާފައިވަނީ ނުހަނު ފުރިހަމަ ނިޒާމެއްގެ ދަށުންކަން މިފަދަ ހޯދުންތަކުން ކަށަވަރުވެއެވެ. ނިދުމަކީ ހަމައެކަނި އަރާމުކޮއްލުމެއް ނޫނެވެ. އެއީ ހަށިގަނޑުގެ އެތެރޭގެ މުހިންމު ނިޒާމުތައް މަރާމާތުކޮށް އާބާތުރަ ފިލުވައިދޭ ވަގުތުކަން މިވަނީ ސާބިތުވެފައެވެ.

އެހެންކަމުން، ރަނގަޅު ސިއްހަތެއްގައި ހުރުމަށްޓަކައި، ހަށިގަނޑަށް ބޭނުންވާ ފުރިހަމަ ނިދި ހޯދުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. މިއީ ހަމައެކަނި ވަރުބަލިކަން ފިލުވައިލުމަށް ކުރާ ކަމެއްގެ ބަދަލުގައި، މުޅި ހަށިގަނޑުގެ ނިޒާމު ހަރުދަނާކޮށް، ސިކުނޑީގެ ތޫނުފިލިކަން އިތުރުކޮށްދޭ މުހިންމު "ބޭހެއް" ފަދަ ކަމެކެވެ. މި އާ ހޯދުމާއެކު، ނިދީގެ މުހިންމުކަން މުޅިން އާ ނަޒަރަކުން ދެކުމުގެ ފުރުސަތު ވަނީ ހުޅުވިފައެވެ.

ހަވާލާ: ސައިންސް ޑެއިލީ 2026.