ދުނިޔޭގެ އެކި ހިސާބުތަކުގައި ޞިއްޙީގޮތުން ބޭނުންވާ ފަރުވާ އަދި އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ޖަމިއްޔާ 'ޑޮކްޓަރސް ވިތް އައުޓް ބޯޑަރސް' ނުވަތަ އެމް އެސް އެފްގެ ބޯޓެއް ވަނީ މި މަހުގެ 2 ވަނަ ދުވަހު އިޓަލީގެ ކޯސްޓްގާޑްގެ  ބެލުމުގެ ދަށަށް ގެނެސްފައެވެ. އިޓަލީގެ ކޯސްޓްގާޑުން ހާމަ ކުރިގޮތުގައި ބޯޓު ހިފަހައްޓަން ޖެހުނީ އެކަށީގެންވާ ވަރަށް ބޯޓުގައި ފަސިންޖަރުންނާއި ކްރޫ ޓީމްގެ ސަލާމަތީ ކަންތައްތައް ފުރިހަމަ ނުވާތީއެވެ. އިޓަލީއިން އިތުރަށް ބުނި ގޮތުގައި އެ ބޯޓުގައި ކޮންމެ 83 މީހަކަށް އޮތީ އެންމެ ލައިފްޖެކެޓް އެކެވެ. 
އެމްއެސްއެފް ގެ ތަރުޖަމާނު ރޮއިޓަރސް އަށް މައުލޫމާތު ދިން ގޮތުގައި މި ބޯޓަކީ ކަނޑުމައްޗަށް ކުދި އުޅަނދުތަކުގައި ހަނގުރާމައިން ސަލާމަތްވުމަށާއި އަދި އެނޫންވެސް ކާރިސާތަކުގައި ހާލުގައި ޖެހިގެން ނުުކުންނަ ރެފިޔުޖީން ސަލާމަތްކުރުމަށް މަސައްކަތްކުރާ ބޯޓެކެވެ. މީގެ ކުރިން 400 އަށްވުރެ ގިނަ ކުޑަކުދިންނާއި ހާލުގައި ޖެހިފައިވާ މީހުން ސަލާމަތްކޮށްފައިވާ މި ބޯޓަކީ ސީރިއާ، އިތިއޯޕިއާ، ސޫދާން އަދި މާލީގެ ދާޚިލީ ހަނގުރާމަތަކުން ސަލާމަތްވުމަށް ނުކުތް ރެފިޔުޖީން ތަކެއް ކަނޑުމަތިން ނެގި ބޯޓެކެވެ. އެމްއެސްއެފް އިން އިތުރަށް ބުނި ގޮތުގައި ސަލާމަތީ ބާރުތަކާ މަޝްވަރާކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އެ ޖަމިއްޔާއިން އޮތީ ތައްޔާރަށެވެ. 
ކޮންމެ އަހަރަކުވެސް އެތައް ހާސް މީހުންނެއް މެދު އިރުމަތީގެ ގައުމުތަކުންނާއި އެފްރިކާގެ ގައުމުތައް ދޫކޮށް ކަނޑުމައްޗަށް ނިކުންނަން ވަނީ މަޖުބޫރުވެފައެވެ. މި އަހަރުގެ މިހާތަނަށް 866 މީހުން، މިގޮތަށް ނުކުމެ މަރުވެގެން ރިޕޯޓްކޮށްފައިވާ ކަމަށް އ.ދ. އިން ވަނީ ހާމަކޮށްފައެވެ. އ.ދ. އިން ނެރުނު ރިޕޯޓެއްގައި މަރުވާ މީހުންގެ ޒިންމާ ނަގަންޖެހޭނީ "ޔޫރަޕިއަން ޔޫނިއަން" އަދި އެ ޖަމިއްޔާގެ 27 ގައުމުންކަމަށް ވަނީ ގޮވާލާފައެވެ. ސަބަބަކީ އިޓަލީ ފަދަ ގައުމުތަކުން އެމްއެސްއެފް ގެ ބޯޓު ފަދަ ސަލާމަތީ އޮޕަރޭޝަންތައް ހިންގާ ފަރާތްތަކަށް މެދުކެނޑުމެއްނެތި ހުރަސްއަޅަމުން ދާތީއެވެ. މި މަހުގެ 1 ވަނަ ދުވަހު ލީބިޔާގެ ކޯސްޓްގާޑްއިން ރެފިޔުޖީންގެ ޑިންގީއަކަށް އަސްކަރީ ހަތިޔާރުތަކުން ހަމަލާދޭ މަންޒަރު ޖަރުމަންގެ މަޝްހޫރު 'ސީ ވޮޗް' ޖަމިއްޔާއިން ވަނީ ވީޑިއޯކޮށް މީޑިއާއާއި ހިއްސާކޮށްފައެވެ. ބުނެވޭގޮތުގައި މިއީ ލީބިޔާގެ ދާޚިލީ ހަމަނުޖެހުމުގެ ސަބަބުން އެ ގައުމު ދޫކޮށް ސަލާމަތްވުމަށް ނުކުތް ރެފިޔުޖީންތަކެކެވެ.