"އަޅުގަނޑުމެން ބޭނުންވަނީ ހަމައެކަނި އެއާޕޯޓެއް ނޫން، އަޅުގަނޑުމެން ބޭނުންވަނީ ވިލުފުށީ އިންޓަނޭޝަނަލް އެއާޕޯޓު!" މިއީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ތ. ވިލުފުށީ ކައުންސިލްގެ ރައީސްކަމަށް ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓް ނަންބަރު 1، އިބްރާހީމް ނަޢީމް (އިބްރާ ދޮންބެ / ނަޢީމް ސަރ) ގެ އެންމެ ވަރުގަދަ އަދި އެންމެ އުންމީދީ އެއް ވަޢުދެވެ. އަސްލު ޓީވީ މެދުވެރިކޮށް ރައްޔިތުންނާ މުޚާޠަބުކުރައްވަމުން އޭނާ ވަނީ، ވިލުފުށީގެ ތަރައްޤީއަށް ގެންގުޅުއްވާ ފުރިހަމަ ތަސައްވުރު ހާމަކުރައްވައި، ރަށުގެ މުސްތަޤުބަލު ބަދަލުކޮށްލާނެ މުހިންމު ސިޔާސަތުތަކެއް އިޢުލާންކުރައްވާފައެވެ.
ވިލުފުށީގައި އެއާޕޯޓެއް އެޅުމަށްޓަކައި އެރަށުގެ މިހާރުގެ ބިމަށްވުރެ ބޮޑު ސަރަހައްދެއް މިހާރު ވަނީ ހިއްކާފައެވެ. ނަޢީމް ސަރގެ އަމާޒަކީ އެ ބިމުގައި ހަމައެކަނި ނަމަކަށް އޮންނަ، ހަފްތާއަކު އެއް ފްލައިޓް ޖައްސާ އާދައިގެ އެއާޕޯޓެއް ހެދުމެއް ނޫނެވެ. އޭނާގެ ތަސައްވުރަކީ އެތަން ބައިނަލްއަޤުވާމީ ފެންވަރަށް ތަރައްޤީކޮށް، ރާއްޖެތެރޭގައި އޮންނަ އެންމެ ހަރަކާތްތެރި އަދި އެންމެ ކާރޫބާރޫ ބޮޑު އެއް އެއާޕޯޓަށް ވިލުފުށީ އެއާޕޯޓު ބަދަލުކޮށްލުމެވެ. މިއީ މުޅި ރަށުގެ އިޤްތިޞާދީ މޫނުމަތި ބަދަލުކޮށްލާނެ އިންގިލާބީ ވިސްނުމެކެވެ.
މި އެއާޕޯޓާއެކު ވިލުފުއްޓަށް އަންނާނެ އިޤްތިޞާދީ ކުރިއެރުންތައް ނަޢީމް ސަރ ވަނީ ވަރަށް ތަފްޞީލުކޮށް ވިދާޅުދެއްވާފައެވެ. އެއާޕޯޓު ތަރައްޤީވެގެން ދިއުމާއެކު އިންޓާނަލް ޓޫރިޒަމް ނުވަތަ ލޯކަލް ޓޫރިޒަމް ރަށުގައި ވަރަށް ބޮޑަށް ފުޅާވެގެންދާނެއެވެ. މީގެ ސަބަބުން ރަށުގެ އާންމު ރައްޔިތުންނަށް ގެސްޓްހައުސްގެ ވިޔަފާރިތަކަށް ވަނުމުގެ ފުރުޞަތު ހުޅުވި، ރަށުގެ ހުރިހާ ރައްޔިތުންނަށް ވަޒީފާގެ ފުރުޞަތުތައް ތަނަވަސްވެގެންދާނެކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.
ހަމައެއާއެކު، ވިލުފުށީގެ އެއާޕޯޓަކީ ހަމައެކަނި އެރަށަށް ފޯކަސްކޮށްގެން ހެދޭ ތަނެއް ނޫންކަމަށާއި، އެއީ މުޅި ތ. އަތޮޅަށް އަމާޒުކޮށްގެން ހެދޭ މުހިންމު ހަބެއް ކަމުގައި ނަޢީމް ސަރ ސިފަކުރެއްވިއެވެ. އެހެން ރަށްރަށުގެ މީހުން ވިލުފުއްޓަށް އައުމަށް އޭނާ މަރުޙަބާ ކިޔާނެކަމަށާއި، އަދި އެއާޕޯޓާ ގުޅިގެން ރަށުގައި އިންވެސްޓްކުރަން ބޭނުންވާ ހުރިހާ ފަރާތްތަކަށް އެ މަގު ކައުންސިލްގެ ތެރެއިން ފަހިކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ. ރަށާ ކައިރީގައި މިހާރުވެސް ރިސޯޓެއް ހެދެމުންދާއިރު، ކުރިއަށް އޮތް ތަނުގައި އިތުރު ރިސޯޓުތައް އައުމަކީ މި އިންޤިލާބީ ބަދަލުގެ ބައެކެވެ.
މި އިޤްތިޞާދީ ބޮޑު ބަދަލާއެކު ނަޢީމް ސަރ ގެންނަން ބޭނުންވާ އަނެއް ބޮޑު ބަދަލަކީ، ރަށްރަށުގެ މީހުން މާލެއަށް ހިޖުރަކުރާ ކުރުން ނިމުމަކަށް ގެނެސް، އެކަން ރިވާސް ކުރުމެވެ. ކައުންސިލްގެ ރައީސްކަމަށް ހޮވިވަޑައިގެންފިނަމަ، މާލޭގައި ތިބި ވިލުފުށީގެ ރައްޔިތުން އުފަލާއެކު އަނބުރާ ރަށަށް ބަދަލުވާނެ މަގު ފަހިކޮށްދެއްވާނެކަމަށް އޭނާ ވަޢުދުވެވަޑައިގަތެވެ. ހަމައެކަނި ވިލުފުށީގެ ރައްޔިތުންނެއް ނޫނެވެ؛ މުޅި އަތޮޅުންނާއި ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން ވިލުފުއްޓަށް ދިރިއުޅުން ބަދަލުކުރާ މަންޒަރު ފެނިގެންދާނެކަމަށާއި، އެކަމަށް ރަށުން މަރުޙަބާ ކިޔަންޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.
މިކަންކަން ހާސިލުކުރުމަށްޓަކައި ރަށަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ފުރިހަމަ ޙައްލެއް ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ނަޢީމް ސަރ ދެއްވިއެވެ. އޭނާ ވިދާޅުވީ ވިލުފުށީގައި އަދިވެސް ބިން ހިއްކޭނެ ޖާގަ އެބައޮތް ކަމަށާއި، ބޭނުންވެއްޖެ ޙާލަތެއްގައި ސަރުކާރާ ގުޅިގެން އިތުރަށް ބިން ހިއްކައިގެން ނަމަވެސް، އަދި އިތުރު ހައުސިންގ ޔުނިޓްތަކެއް އަޅައިގެން ނަމަވެސް ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވާނެ ކަމަށެވެ.
މި ހުރިހާ ތަރައްޤީއެއް ގެނެވެން އޮތީ ސަރުކާރާއެކު ގާތް ގުޅުމެއް ބާއްވައިގެންކަން ނަޢީމް ސަރ ތަކުރާރުކޮށް ފާހަގަކުރެއްވިއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިލުފުއްޓަށް ވަޑައިގެން އެއާޕޯޓާއި ހޮސްޕިޓަލުގެ ބިންގާ އެޅުއްވި ދުވަހު، ރައީސަކީ "ވިޝަނަރީ ލީޑަރެއް" ކަމަށް ވިދާޅުވެ އޭނާ ވަނީ ތަޢުރީފުކުރައްވާފައެވެ. ސަރުކާރަށް ނިސްބަތްނުވާ މީހަކު ހޮވައިފިނަމަ ސަރުކާރަށް ޖެއްސުންކުރުން ފަދަ ކަންކަން ކުރިމަތިވެ ތަރައްޤީ މަޑުޖެހޭނެކަން ފާހަގަކުރައްވައި، ސަރުކާރު ކެންޑިޑޭޓެއްގެ ގޮތުގައި ހުންނެވުމުން އޭނާއަށާއި ސަރުކާރަށްވެސް އެކަކު އަނެކަކަށް ފުރިހަމައަށް އިތުބާރު ކުރެވޭނެކަމަށް ވިދާޅުވިއެވެ.
ތަރައްޤީގެ ވާހަކަތަކުގެ އިތުރުން، ނަޢީމް ސަރ އަކީ މީހުން ބިނާކުރުމުގެ މާސްޓަރެކެވެ. 1998 ވަނަ އަހަރުން ފެށިގެން އޭނާ ވަނީ ތަޢުލީމީ ދާއިރާގައި ގިނަ ޚިދުމަތްތަކެއް ކުރައްވާފައެވެ. އޭނާގެ ދަރިވަރުން މިއަދު އޭޑީކޭ ހޮސްޕިޓަލުގައާއި ވިލުފުށީގައި ޑޮކްޓަރުންނާއި ނަރުހުންގެ ގޮތުގައި މަސައްކަތްކުރަމުންދާކަން އޭނާ ފާހަގަކުރެއްވީ ފަޚުރުވެރިކަމާއެކުގައެވެ. އޭނާގެ އަމާޒަކީ ތަޢުލީމީ ގޮތުން ވިލުފުއްޓަކީ ރާއްޖެތެރެއިން އެއްވަނަ ރަށަށް ހެދުމެވެ. ކައުންސިލް މެދުވެރިކޮށް މުޅި ރައްޔިތުންނަށް މި ޚިދުމަތް ފުޅާކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.
ތަޢުލީމީ ކުރިއެރުމުގެ ތެރެއިން، ވިލުފުށީގައި ޤައުމީ ޔުނިވަރސިޓީގެ ގޮތްޕެއް ހުޅުވިގެންދާއިރު، އެހެން ރަށްރަށުން ކިޔަވަން އަންނަ ކުދިންނަށް ޚާއްޞަކޮށްގެން ފެންވަރު ރަނގަޅު ދަނާލެއް ޤާއިމުކުރުމަށް މަސައްކަތްކުރައްވާނެކަމަށް އޭނާ ވަޢުދުވެވަޑައިގަތެވެ. އަދި ހަމައެއާއެކު، އަލަށް އިމާރާތްކުރެވޭ ހޮސްޕިޓަލަށް ބޭނުންވާ އެންމެ ޒަމާނީ އިކުއިޕްމަންޓްތަކާއި ވަސީލަތްތައް ހޯދުމުގައި ސަރުކާރު ކެންޑިޑޭޓެއްގެ ހައިސިއްޔަތުން އެންމެ އިސް ސަފުގައި މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަންވެސް ދެއްވިއެވެ.
ރަށުގެ މުސްތަޤުބަލު އޮތީ ޒުވާނުންގެ އަތްމަތީގައިކަން ޤަބޫލުކުރައްވައި، ޒުވާނުން ބިނާކުރުމަށް ނަޢީމް ސަރ ވަނީ ޚާއްޞަ އިސްކަމެއް ދެއްވާފައެވެ. އޭނާ ވިދާޅުވީ ހަމައެކަނި ކުޅިވަރުގެ ދާއިރާއިން ޒުވާނުން ކުރިއެރުވުމުގެ ބަދަލުގައި، ޒުވާނުންނަކީ ދީންވެރި، އަޚުލާޤު ރަނގަޅު، ހަރުދަނާ ބަޔަކަށް ހެދުމަށްޓަކައި ކައުންސިލްގެ ތެރެއިން ވަރަށް ގިނަ ޕްރޮގްރާމްތަކެއް ރާވައި ހިންގަވާނެ ކަމަށެވެ.
ވޭތުވެދިޔަ ތަނުގައި ތަފާތު ސަރުކާރުތަކާއި ކައުންސިލްތައް އައިސްފައި ދިޔަ ނަމަވެސް، ވިލުފުށީގެ ރައްޔިތުންނަށް އޮތީ މާޔޫސްކަން ކަމަށް ނަޢީމް ސަރ ވިދާޅުވިއެވެ. ނަމަވެސް މިއަދު އެ މާޔޫސްކަން ފިލައި، ރައްޔިތުންގެ ހިތްތަކުގައި އުންމީދުގެ ހުޅުކޮޅު ދިއްލިއްޖެކަމަށާއި، ދެން އޮތީ އެ ހުޅުކޮޅު ބޮޑުކޮށް، ސަރުކާރަށް ތާއީދުކޮށް، ސަރުކާރުގެ ކެންޑިޑޭޓް، ނަންބަރު 1 ހޮވައިދިނުން ކަމަށް އޭނާ ވިދާޅުވިއެވެ. އިންޓަނޭޝަނަލް އެއާޕޯޓަކާއެކު ވިލުފުށީގެ އިޤްތިޞާދާއި ތަރައްޤީ އާ ހަރުފަތަކަށް ގެންދިއުމަށްޓަކައި، އިބްރާ ދޮންބެ ހުރީ ރައްޔިތުންގެ ޚިދުމަތުގައި ފުރިހަމައަށް ތައްޔާރަށެވެ.
