ގައުމަށް ބޭނުންވާ ފަންނީ ނުވަތަ ޓެކްނިކަލް ދާއިރާތަކުން މަތީ ތައުލީމު ހާސިލުކުރަން ބޭނުންވާ ދަރިވަރުންނަށް އެއްވެސް ހިފެހެއްޓުމެއް ނެތި ލޯނުގެ ފުރުސަތު ހުޅުވާލަން ސަރުކާރުން ނިންމައިފިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވީ، ކޮންމެ އަހަރަކު ދޫކުރާ ލޯނު ސްކީމުގެ މަދުވެގެން 50 ޕަސަންޓު ހާއްސަ ކުރާނީ ޓެކްނިކަލް ދާއިރާތަކަށް ކަމަށެވެ. މީގެ ބޭނުމަކީ ރާއްޖެ ބިނާކުރުމުގައި ބައިވެރިވާނެ ގާބިލު ފަންނުވެރިން އުފެއްދުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ފަހަރުގެ ލޯނު އުސޫލަށް ގެނައި އެންމެ ބޮޑު ބަދަލަކީ ލޯނަށް އެދުމަށް ވަކި ސުންގަޑިއެއް ނެތުމެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މީގެ ފަހުން ކޮންމެ ވަގުތަކުވެސް ލޯނަށް އެދި ހުށަހެޅޭނެ ކަމަށެވެ. އަދި އަލަށް ކިޔަވާ ކުދިންނާއި ކިޔަވަމުންދާ ކުދިންގެ މެދުގައި ކުރިން އޮތް ތަފާތުކުރުންތައް ނުވަތަ ކެޓަގަރީތައް މިހާރު ވަނީ އުވާލާފައެވެ. މީގެ އިތުރުން، މިހާރު ދޫކުރާ ސްޓޫޑެންޓް ލޯނަކީ ޝަރީއާ ކޮމްޕްލަޔަންޓް، އިންޓްރެސްޓް ނުނަގާ ގޮތަށް ދޫކުރާ ލޯނުތަކެއް ކަމަށްވެސް އެ އޮފީހުން ބުނެފައިވެއެވެ.

"މީގެ ސަބަބުން ގައުމަށް އެންމެ ބޭނުންވާ ފަންނީ ދާއިރާތަކުން ކިޔެވުމަށް ދަރިވަރުންނަށް ބޮޑު ހިތްވަރެއް ލިބިގެންދާނެ،" މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ދޭ ސްޓައިޕެންޑުގެ އުސޫލު މުރާޖާ ކުރުމުގެ މަސައްކަތްވެސް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ދަނީ ކުރަމުންނެވެ. މި ބަދަލުތަކާއެކު ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ލިބޭނެ ފުރުސަތު ޔަގީންވެ، ކިޔަވަން ބޭނުންވާ ވަގުތު ފައިސާ ހަމަޖެހޭނެ މަގު ފަހިވާނެ ކަމަށް ސަރުކާރުން ބުނެއެވެ.