ސަރުކާރުގެ "ބިންވެރިޔާ" ހާއްސަ ސްކީމްގެ ދަށުން ރަސްމާލެއިން ގޯތި ދޫކުރުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

ހައުސިން އެން ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ މި ސްކީމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވަނީ 1،250 އަކަ ފޫޓުގެ ގޯތިތަކެއް ކަމަށެވެ. މި ގޯތިތަކަށް އެދި ހުށަހަޅަންޖެހޭނީ އެކަމަށް ހާއްސަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށެވެ.

މި ސްކީމްގެ ދަށުން ގޯއްޗަށް އެދުމުގެ ފުރުސަތު ދެ ކެޓަގަރީއަކަށް ވަނީ ހުޅުވާލާފައެވެ. އޭގެ ތެރޭގައި ކުރިން ބިންވެރިޔާ ސްކީމްގެ ދަށުން ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައި ގޯތި ލިބިފައިވާ ފަރާތްތަކާއި، ސަރުކާރުގެ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން ފްލެޓެއް ލިބިފައި އޮތުމުގެ ސަބަބުން ކުރިން ބިންވެރިޔާ ސްކީމަށް ކުރިމަތިނުލެވުނު ފަރާތްތައް ހިމެނެއެވެ. ފޯމު ހުށަހަޅާއިރު އުސޫލުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް ފުރިހަމަކުރަން ޖެހޭނެއެވެ.

ހައުސިން އެން ކޮންސްޓްރަކްޝަން މިނިސްޓްރީގެ އިއުލާނުގައި ބުނީ، ރަސްމާލެއިން ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ ރޭ 23:59 ކަމަށެވެ. މި ސްކީމާ ގުޅޭ އުސޫލު މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި އާންމުކޮށްފައެވެ. މި ބަދަލާއެކު، ކުރިން ބޯހިޔާވަހިކަމުގެ ފުރުސަތު ގެއްލިފައި ތިބި ގިނަ ބަޔަކަށް ރަސްމާލެއިން ބިން ހޯދުމުގެ މަގު ފަހިވެގެންދާނެ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.