އަތޮޅުތަކުގެ ރަށްރަށުގައި ލެބޯޓަރީގެ ހިދުމަތް ގާއިމްކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން، މިހާތަނަށް 18 ރަށެއްގައި އެ ހިދުމަތް ފަށައިފިއެވެ. މި މަޝްރޫއަކީ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ރައީސް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިއްމު މަސައްކަތެކެވެ. ހެލްތް މިނިސްޓްރީން ބުނީ މިހާރު ހިދުމަތް ދޭން ފެށި ރަށްތަކުގެ އިތުރުން، އިތުރު 76 ރަށެއްގައި ލެބޯޓަރީ ގާއިމްކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ.
ރ. މާކުރަތުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަކީ ރައީސް ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާ ކަމެއް ކަމަށެވެ.
"މީގެ ސަބަބުން ރައްޔިތުންނަށް އެތައް ލުއިފަސޭހަތަކެއް ލިބިގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ ލެބޯޓަރީ ނެތް ރަށްރަށުގައި އެ ހިދުމަތް ގާއިމްކުރުމަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތެއް ކަމަށެވެ.
މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ލެބޯޓަރީގެ ހިދުމަތް ގާއިމްކުރުމަކީ ސަރުކާރުގެ މުހިއްމު ވައުދެކެވެ. މި ހިދުމަތް ރަށްރަށުގައި ފެށުމުން، ބައްޔެއްގެ ތަހުލީލުތައް ކުރުމަށް އެހެން ރަށްރަށަށް ދަތުރުކުރަންޖެހޭ ޖެހުން ނިމުމަކަށް އަންނާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ. ސަރުކާރުގެ އަމާޒަކީ މި މަޝްރޫއުގެ ދަށުން ހުރިހާ ރަށެއްގެ ސިއްހީ މަރުކަޒުތަކުގެ ފެންވަރު މަތިކޮށް، ރައްޔިތުންނަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ.
