ބ. އަތޮޅު ދަރަވަންދޫ އެއާޕޯޓް ހިންގުމާއި އެތަނުގެ ޓާމިނަލް ތަރައްގީކުރުމުގެ މަސައްކަތް އައިލެންޑް އޭވިއޭޝަނާ ރަސްމީކޮށް ހަވާލުކޮށްފިއެވެ. މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޓްރާންސް ޕޯޓު މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު އަހްމަދު ޝަމީމެވެ. އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އިބްރާހީމް އިޔާސެވެ.
ދަރަވަންދޫ އެއާޕޯޓް ރައްޔިތުން ބޭނުންވާ ފެންވަރަށް ތަރައްގީކުރުމަށް އައިލެންޑް އޭވިއޭޝަނާ ހަވާލުކުރަން ނިންމާފައިވާކަން ރައީސް އިއުލާނުކުރެއްވީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އެ ރަށަށް ކުރެއްވި ދަތުރުފުޅެއްގައެވެ. މި އެއާޕޯޓަކީ ބ. އަތޮޅުގައި ގިނަ ރިސޯޓްތަކެއް އޮތުމުން، ރާއްޖޭގެ އެންމެ ބާރުބޮޑު ޑޮމެސްޓިކް އެއާޕޯޓެވެ. 2012 ވަނަ އަހަރު ހުޅުވި މި އެއާޕޯޓު މީގެ ކުރިން ހިންގަމުން އައީ ކޯސްޓްލައިން ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.
"އެއާޕޯޓު އެފަރާތުން ނަގައި އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށް، އައިލެންޑް އޭވިއޭޝަނުން އެތަން ސަރުކާރު ބޭނުންވާ ފެންވަރެއްގައި، ރައްޔިތުން ބޭނުންވާ ފެންވަރަށް ތަރައްގީކޮށް އޮޕަރޭޓްކުރުމަށް ހަވާލުކުރަން ނިންމާފައިވާ ވާހަކަ އަޅުގަނޑު ދަންނަވާލަން،" ރައީސް ވިދާޅުވިއެވެ.
މި ބަދަލާއެކު ދަރަވަންދޫ އެއާޕޯޓުގެ ހިދުމަތްތައް އިތުރަށް ފުޅާވެ، ފަސިންޖަރުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.
