އިންޑިއާ ސަރުކާރުން 2026-27 ވަނަ އަހަރަށް ރާއްޖެއަށް ބޭނުންވާ ޒަރޫރީ ބައެއް ބާވަތްތައް އެކްސްޕޯޓް ކުރުމުގެ ހުއްދަ ދީފިއެވެ. ރާއްޖޭގައި ހުންނަ އިންޑިއަން ހައި ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިއީ 1981 ވަނަ އަހަރު ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ހާއްސަ އިންތިޒާމެއް ގާއިމުކުރި ފަހުން، ރާއްޖެއަށް ބޭނުންވާ ތަކެތި އެތެރެކުރުމަށް ދީފައިވާ އެންމެ ބޮޑު ކޯޓާ ކަމަށެވެ. މީގެ ތެރޭގައި ކާބޯތަކެތީގެ އިތުރުން އިމާރާތްކުރުމުގެ ސިނާއަތަށް ބޭނުންވާ މުހިންމު ސާމާނު ހިމެނެއެވެ.
މި ފަހަރު ދޫކުރި ކޯޓާގެ ތެރޭގައި ހިމެނޭ ހަނޑުލުގެ މިންވަރު ވަނީ ކުރިއާ އަޅާ ބަލާއިރު 77 ޕަސަންޓު އިތުރުކޮށްފައެވެ. އިންޑިއާ އިން ހުއްދަ ދީފައިވާ ތަކެތީގެ ތެރޭގައި ހަނޑޫ، ހަކުރު، ފިޔާ، އަލުވި، ކުކުޅުބިސް، މުގު، އަދި ގޮދަން ފުށް ހިމެނެއެވެ. މީގެ އިތުރުން ރާއްޖޭގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ހިލަ އާއި ހިލަވެލި އެއްވެސް ހުރަހެއް ނެތި ލިބޭނެ މަގު މި ކޯޓާގެ ދަށުން ވަނީ ފަހިކޮށްދީފައެވެ.
އިންޑިއަން ހައި ކޮމިޝަނުގެ އޮފީހުން ބުނީ، މިއީ އެ ގައުމުގެ 'ނެއިބަހުޑް ފަސްޓް' ސިޔާސަތުގެ ދަށުން ރާއްޖޭގެ ތަރައްގީއަށާއި ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް އެހީތެރިވުމުގެ ގޮތުން ދިން ލުޔެއް ކަމަށެވެ. އިންޑިއާ އަކީ ރާއްޖެއާ އެންމެ ގާތް ގުޅުމެއް ބާއްވާ އަވަށްޓެރި ގައުމަށް ވާއިރު، ފަހަކަށް އައިސް އެ ގައުމުން އަންނަނީ ރާއްޖެއަށް މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ބޮޑެތި އެހީތަކެއް ފޯރުކޮށްދެމުންނެވެ.
