ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ވަނުމަށް ދީފައިވާ ފުރުސަތު އިތުރުކުރުމަށް ހޯމް މިނިސްޓްރީން ނިންމައިފިއެވެ. ކުރިން މި މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައި އޮތް މި ފުރުސަތު މިހާރު ވަނީ އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.
"އޮޕަރޭޝަން ކުރަނގީ" ގެ ދަށުން ހިންގާ މި "މާސް ލީގަލައިޒޭޝަން ޕްރޮގްރާމް" ކުރިއަށް ގެންދަން ނިންމާފައިވަނީ ވަޒީފާ ދޭ ގިނަ ފަރާތްތަކެއްގެ އެދުމުގެ މަތިންނެވެ. ހޯމް މިނިސްޓްރީގެ އޮފީހުން ބުނީ، މިއީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ގަވާއިދުގެ ތެރެއަށް ވަނުމަށް ދެވޭނެ އެންމެ ފަހު ފުރުސަތު ކަމަށާއި، މި މުއްދަތު ހަމަވުމުން އިތުރު ފުރުސަތެއް ނުދޭނެ ކަމަށެވެ.
މި ޕްރޮގްރާމްގެ ދަށުން ލީގަލައިޒް ވެވޭނީ ވަކި ޝަރުތުތަކެއް ފުރިހަމަވާ ބިދޭސީންނަށެވެ. އޭގެ ތެރޭގައި، ރާއްޖޭގައި މިވަގުތު ހުރި މީހަކަށް ވުމާއި، ވަޒީފާ އަދާކުރުމުގެ ހުއްދައެއްގެ ދަށުން ރާއްޖެ އެތެރެވި މީހަކަށް ވާންޖެހެއެވެ. ނަމަވެސް ބްލެކް ލިސްޓްކޮށްފައިވާ މީހުންނާއި، މީގެ ކުރިން މިފަދަ ޕްރޮގްރާމެއްގެ ދަށުން ގަވާއިދަށް ފައްތާފައިވާ މީހުންނަށް މި ފުރުސަތެއް ނޯންނާނެއެވެ.
