މި އަހަރުގެ މާޗް މަހުގެ 23 ވަނަ ދުވަހު މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓުނީ  ދުނިޔޭގެ އެންމެ ހިމަ އަދި އެންމެ ބާރުބޮޑު ސުއެޒް ކެނަލްގައި ތާށިވި 'އެވަރ ގްރީން' ބޯޓަށެވެ. ހަ ދުވަހުގެ މަސައްކަތަށްފަހު ޖަޕާނުގެ ކުންފުންޏަކަށް ނިސްބަތްވާ 'އެވަރ ގްރީން' ސަލާމަތް ކުރެވުނީ ޓަގްބޯޓްތަކެއްގެ އެހީގައި 29 މާޗްވަނަ ދުވަހުއެވެ. މި ބޯޓު ތާށިވުމާއެކު އޭޝިއާ އަދި ޕެސިފިކް ޝިޕިންގ ލައިންގެ އެތައް ސަތޭކަ ބޯޓެއް ޓްރެފިކްގައި ޖެހި މަޑުކުރަން ޖެހުނެވެ. އަދި މީގެތެރެއިން ބައެއް ބޯޓުތައް އެފްރިކާ ބައްރު ވަށާލާ ދިގު ދަތުރުތައް ކުރަން މަޖުބޫރުވިއެވެ.

'އެވަރ ގްރީން' ބޯޓު ސަލާމަތްކުރެވުމާއެކު ސުއެޒް ކެނަލްގެ އޮތޯރިޓީގެ ބެލުމުގެ ދަށުގައި އެ ބޯޓު ބާއްވާ ލިބުނު ގެއްލުންތަކުގެ ބަދަލުތަކާ ބެހޭގޮތުން މަޝްވަރާތައް ވަނީ ފަށާފައެވެ. 'އެވަރ ގްރީން' ބޯޓު ތާށިވި ސަބަބެއް ކަމަށް އެ ބޯޓުގެ ފަރާތުން ބުނެފައިވަނީ މޫސުން ގޯސްވުމާއި، ސުއެޒް ކަނާލްގެ ފަރާތުން ދިން ނުރަނގަޅު އިރުޝާދުތަކެވެ. ބަދަލުގައި ސުއެޒް ކެނަލްގެ ފަރާތުން ވަނީ ބޯޓުގެ ފަޅުވެރިންނާއި ސަލާމަތީ އާލަތްތަކާ ބެހޭގޮތުން ސުވާލު އުފައްދާފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި ސުއެޒް ކެނަލް އަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 550 މިލިއަން ޑޮލަރ ދިނުމަށް މިހާރު ވަނީ  އެއްބަސްވުމަކަށް އާދެވިފައެވެ. އަދިސުއެޒް ކަނާލްގެ ފަރާތުން 'އެވަރ ގްރީން' އަށް 75 ޓަނުގެ ޓަގް ބޯޓެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި އެއްބަސްވުމުގެ ތަފްޞީލްތައް ވަނީ ސިއްރުކޮށްފައެވެ.