މީގެ 25 އަހަރު ކުރިން، ހިކިފަސް އެންމެ ތަންކޮޅެއް ނެތް ފަޅު ކަނޑެއްގެ ގޮތުގައި އޮތް ސަރަހައްދެއް ހިއްކައި، އެތަނުގައި މީހުން އާބާދުވެދާނެ ކަމަށް ގިނަ ބަޔަކު އޭރު ތަސައްވަރުވެސް ނުކުރެއެވެ. ނަމަވެސް، ވެލިފުކަކަށް ފަހު ފުކެއް އަޅައިގެން ބޮޑު ބިމެއް ހިއްކައި، މިއަދު އެ ފެންނަނީ ރާއްޖޭގެ އެންމެ ޒަމާނީ އަދި އެންމެ ދިރިއުޅެން ފަސޭހަ ސިޓީއެވެ. މިއީ ހުޅުމާލޭގެ ވާހަކައެވެ.
މި ބޮޑު ތަރައްގީގެ ފަހަތުގައި އޮތީ ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އެވެ. މީގެ 25 އަހަރު ކުރިން "ހުޅުމާލެ ޑެވެލޮޕްމެންޓް ޔުނިޓް" (އެޗްޑީޔޫ) ގެ ނަމުގައި ކުޑަކުޑަ ޔުނިޓަކުން ފެށި މި މަސައްކަތް، މިއަދު މިވަނީ ރާއްޖޭގެ ތަރައްގީގެ އެންމެ ބޮޑު އެއް ބައިވެރިޔާއަށް ވެފައެވެ. އެޗްޑީސީގެ މި ދަތުރުގެ މިއަހަރުގެ ޝިއާރަކީ "ކަނޑުން ރިހިއައްސޭރިއަށް" މިއެވެ.
ހުޅުމާލެ ހިއްކުމުގެ އަމަލީ މަސައްކަތް 1997 ވަނަ އަހަރު ފެށިއިރު، މައިގަނޑު އަމާޒަކީ މާލޭގެ ތޮއްޖެހުން ކުޑަކުރުމެވެ. 2001 ވަނަ އަހަރު އެޗްޑީޔޫ ގާއިމްކޮށް، ހުޅުމާލޭގެ ކަންކަން ބަލަހައްޓަން ފެށިއެވެ. އޭގެ ފަހުން އެ ޔުނިޓް ކުންފުންޏަކަށް ބަދަލުވެ، 2004 ވަނަ އަހަރުގެ މެއި މަހު ރަސްމީކޮށް ހުޅުމާލެއަށް މީހުން ބަދަލުވާން ފެށިއެވެ.
މިއަދު ހުޅުމާލެއަކީ އެއް ލައްކައަށް ވުރެ ގިނަ މީހުން ދިރިއުޅެމުންދާ، ދިިރިއުޅެން އެންމެ ހިތްފަސޭހަ ރަށެވެ. އެޗްޑީސީން ހުޅުމާލެއަށް ގެނައި ޒަމާނީ ބަދަލުތަކަކީ އެ ކުންފުނީގެ ހީވާގީ މުވައްޒަފުންގެ ބުރަ މަސައްކަތުގެ ނަތީޖާއެވެ. ކޮންމެ މުވައްޒަފަކު ކުރާ މަސައްކަތަކީ ގައުމީ ތަރައްގީގެ މުހިންމު ބައެއްކަން އެ ކުންފުނިން އަބަދުވެސް ފާހަގަކުރެއެވެ.
ހުޅުމާލޭގެ ތަރައްގީ ހަމައެކަނި ފޭސް އެކަކުން ނިމުނީއެއް ނޫނެވެ. އެޗްޑީސީގެ އިސްނެގުމުގެ ދަށުން ހުޅުމާލެ ފޭސް 2 އަދި މިހާރު ހިއްކަމުންދާ ހުޅުމާލެ ފޭސް 3 އަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް އަންނާނެ ބޮޑު އިންގިލާބީ ބަދަލެކެވެ. މީގެ އިތުރުން، ތިލަފުށީގެ ސިނާއީ ބިމާއި، މާލޭގެ ރައްޔިތުން މުނިފޫހިފިލުވުމަށް ތަރައްގީކުރި ކުޑަގިރިއަކީވެސް އެ ކުންފުނީގެ ކާމިޔާބު މަސައްކަތްތަކެވެ.
އެޗްޑީސީގެ މަސައްކަތްތައް މިހާރު ވަނީ މުޅި ރާއްޖެއަށް ފުޅާވެފައެވެ. އެގޮތުން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދުރު ވިސްނުންފުޅާ އެކު ތަރައްގީކުރާ "ރަސްމާލެ" މަޝްރޫއަކީ އެޗްޑީސީގެ ބައިވެރިވުމާއެކު ކުރިއަށްދާ އެންމެ ބޮޑު އެއް މަޝްރޫއެވެ. ތިމާވެއްޓާ ރައްޓެހި "އީކޯ ސިޓީ" އެއްގެ ގޮތުގައި ތަރައްގީކުރާ ރަސްމާލެ ހިއްކުމުގެ މަސައްކަތް މިހާރު ވަނީ ނިމުމަކާ ގާތްވެފައެވެ.
އެޗްޑީސީގެ އަމާޒަކީ ދުނިޔޭގެ ފެންވަރުގައި ނަމޫނާ ދައްކުވައިދޭނެ، ޒަމާނީ އަދި ދެމެހެއްޓިނިވި މަޝްރޫއުތަކެއް ކުރިއަށް ގެންދިއުމެވެ. ކުންފުނީގެ 25 އަހަރުގެ ތަޖުރިބާގެ އަލީގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިންގުމުގައި އެޗްޑީސީން އަންނަނީ އިސް ދައުރެއް އަދާކުރަމުންނެވެ.
މިދިޔަ 25 އަހަރު ތެރޭގައި ހުޅުމާލެއަށް ބޮޑަށް ބަރޯސާވެފައި އޮތް އެޗްޑީސީ، މިއަދު ވަނީ މުޅި ގައުމުގެ ތަރައްގީގެ ބާނީއަކަށް ވެފައެވެ. މާލެ ސަރަހައްދުގައި ދެން އެންމެ ބޮޑު ކުރިއެރުމެއް ލިބޭނެ ރަށްތަކުގެ ޒިންމާތަކާ އެ ކުންފުނިން ހަވާލުވެ، ކުރިއަށް ދަނީ ވަރަށް ސާބިތުކަމާއެކުގައެވެ.
އެޗްޑީސީގެ ކޮންމެ ކާމިޔާބީއެއްގެ އަސްލަކީ އެ ކުންފުނީގެ މުވައްޒަފުންނެވެ. ވޭތުވެދިޔަ ފަންސަވީސް އަހަރު ތެރޭގައި އެ މުވައްޒަފުން ދެއްކި ހިތްވަރާއި ސާބިތުކަމަކީ ކުންފުނީގެ މައިބަދައެވެ. ގައުމީ ތަރައްގީގެ ދަތުރުގައި އެޗްޑީސީގެ ހިއްސާ އަކީ އަގު ނުކުރެވޭނެ ފަދަ ބޮޑު ހިއްސާއެކެވެ.
ޒަމާނީ ތަރައްގީގެ ކުލަވަރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ގެންގޮސްދިނުމުގައި އެޗްޑީސީން ދެމިތިބޭނެ ކަމުގެ ޔަގީންކަން އެ ކުންފުނިން އަބަދުވެސް އަރުވައެވެ. ފަޅު ކަނޑަކުން ފެށި މި ދަތުރު، މިއަދު މިވަނީ ރާއްޖޭގެ އުމްރާނީ ތަރައްގީގެ އެންމެ އުޖާލާ މަންޒިލަށް ވާސިލްވެފައެވެ.
