ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އާ 6 ބްރާންޗަކާއި 90 އޭޓީއެމް ގާއިމުކޮށް، އެ ތަންތަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ އިފްތިތާހުކޮށްދެއްވައިފި އެވެ. ބާސެލޯ ނަސަންދުރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެއް ވަގުތެއްގައި މި ހިދުމަތްތައް ފައްޓަވައިދެއްވިއިރު، ސަރުކާރުގެ މިނިސްޓަރުންނާއި ބޭންކުގެ އިސްވެރިން އަދި މުވައްޒަފުން ބައިވެރިވެވަޑައިގަތެވެ.

މުޅިން އަލަށް ހިދުމަތް ދޭން ފެށި 90 އޭޓީއެމްގެ ތެރޭގައި ހިމެނެނީ ޑޮލަރު ނެގޭ 70 އޭޓީއެމްގެ އިތުރުން ދިވެހި ރުފިޔާގެ މުއާމަލާތްތައް ކުރެވޭ 20 އޭޓީއެމް އެވެ. މިއީ މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފުޅާކުރުމަށް ރައީސް މުއިއްޒު ދެއްވާ ހާއްސަ އިސްކަމެއްގެ ދަށުން ފެށި މަސައްކަތެކެވެ. މިއާ އެކު، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަނީ ފަސޭހަކަމާ އެކު ބޭންކިން ހިދުމަތް ފޯރުކޮށްދެވިފަ އެވެ.

"ދިވެހީންގެ ބޭންކް - މުޅި ރާއްޖެއަށް" ނަމުގައި ރައީސްގެ އިސްނެންގެވުމަށް ފެށި މި ބޮޑު މަޝްރޫއު އެންމެ 9 މަސް ދުވަހުގެ ތެރޭގައި ވަނީ ކާމިޔާބުކަމާ އެކު ނިންމާލައިފަ އެވެ. 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ރަސްމީކޮށް ނިންމާލި މި މަޝްރޫއުގެ ދަށުން، ކޮންމެ ރަށެއްގައި ވެސް މަދުވެގެން އެއް ސެލްފް ސާވިސް ބޭންކިން ޔުނިޓް ވަނީ ބަހައްޓައިފަ އެވެ.

މި ހިދުމަތްތައް ލާމަރުކަޒުވެގެން ދިއުމަކީ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ލުއިފަސޭހައެކެވެ. އެގޮތުން، އެ މީހަކު ހުރި ރަށެއްގައި ހުރެގެން ފައިސާ ޖަމާކުރުމާއި ނެގުމުގެ އިތުރުން، ފައިސާ ފޮނުވުމާއި ކްރެޑިޓް ކާޑު އަދި ލޯނުތަކަށް ފައިސާ ދެއްކުން ފަދަ މުހިންމު ހިދުމަތްތައް ހޯދުން މިހާރު ވަނީ ވަރަށް ބޮޑަށް ފަސޭހަވެގެން ގޮސްފަ އެވެ.