އިންޑޮނީޝިއާގެ އިރުމަތީގައި އޮންނަ މޮލުކާ ކަނޑަށް 7.4 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައުމާ ގުޅިގެން، އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ސުނާމީގެ އިންޒާރު ދީފި އެވެ. އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނި ގޮތުގައި، ބުރާސްފަތި ދުވަހުގެ ހެނދުނު އައި މި ބިންހެލުން އުފެދިފައިވަނީ 35 ކިލޯމީޓަރު އަޑިންނެވެ. ބިންހެލުމާ ގުޅިގެން އިންޑޮނީޝިއާގެ އިތުރުން ފިލިޕީންސް އަދި މެލޭޝިއާއަށް ވެސް ސުނާމީގެ ނުރައްކާ އޮތް ކަމަށް ފުރަތަމަ ލަފާކުރި އެވެ.
މި ބާރުގަދަ ބިންހެލުމަށް ފަހު، އިންޑޮނީޝިއާގެ އައްސޭރިފަށުގެ ބައެއް ސަރަހައްދުތަކަށް ކުދި ރާޅުތަކެއް ވަނީ އަރައިފަ އެވެ. އެގޮތުން ނޯތު މިނަހާސާ ސަރަހައްދަށް 0.75 މީޓަރުގެ ރާޅު އަރާފައިވާއިރު، އެހެން ބައެއް ރަށްތަކަށް ވެސް ކުދި ރާޅުތަކެއް އެރި އެވެ. އެހެންނަމަވެސް، ބޮޑު ސުނާމީއެއްގެ ނުރައްކާ ފަހަނައަޅައި ގޮސްފައިވާތީ، ކަމާބެހޭ އިދާރާތަކުން ވަނީ މަދު ގަޑިއިރުތަކެއްގެ ތެރޭގައި ސުނާމީގެ އިންޒާރު ބާތިލުކޮށްފަ އެވެ.
އައްސޭރިފަށުގެ ސިޓީތަކަށް 10 ސިކުންތާއި 20 ސިކުންތާ ދެމެދުގެ ވަގުތަކަށް އައި މި ބިންހެލުމުގެ ލޮޅުންތަކުގެ ސަބަބުން، މަނާޑޯ ފަދަ ސިޓީތަކުގައި ހުރި ބައެއް އިމާރާތްތަކަށް ވަނީ ގެއްލުންވެފަ އެވެ. އަދި އިމާރާތްތަކުން ވެއްޓުނު ތަކެތީގެ ދަށުވެ، މަދުވެގެން އެކަކު މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުންޏެވެ. އިންޑޮނީޝިއާގެ ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ ލިބުނު ގެއްލުންތައް ބަލައި މީހުން ސަލާމަތްކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ.
