އޮސްކާއަށް ނޮމިނޭޓްވެފައިވާ މަޝްހޫރު އެކްޓަރު ފްލޮރެންސް ޕިއު އާއި އިނގިރޭސި އެކްޓަރު ފިން ކޯލް ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ރަސްމީކޮށް ކަށަވަރުކޮށްދީފި އެވެ. މި ދެ ތަރިންގެ ގުޅުން އާންމުކޮށްފައިވަނީ އިޓަލީގެ މިލާންގައި ބޭއްވި ބުލްގަރީ ބްރޭންޑުގެ ހާއްސަ އިވެންޓަކަށް ފަހު، އިންސްޓަގްރާމް މެދުވެރިކޮށެވެ.
އުމުރުން 30 އަހަރުގެ ފްލޮރެންސް ޕިއު އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯތަކުން ފެންނަނީ، ރެޑް ކާޕެޓުމަތީގައި ފިން ކޯލްއާ އެކު ވަރަށް ގާތްކޮށް ތިބޭ މަންޒަރެވެ. މި އިވެންޓުގައި ފްލޮރެންސް ޕިއު ފެހި ކުލައިގެ ރީތި ހެދުމެއް ލައިގެން ހުރިއިރު، ފިން ކޯލް ހުރީ މުށި ކުލައިގެ ސޫޓެއްގަ އެވެ. ހަމަ އެ ދުވަހު ފިން ކޯލް ވެސް ވަނީ ފްލޮރެންސް ޕިއުގެ ފޮޓޯތަކެއް އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ.

މި ދެ ތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް އެންމެ ފުރަތަމަ އަޑުފެތުރެން ފެށީ 2024 ވަނަ އަހަރުގެ ޖުލައި މަހު އެވެ. ގާތްގަނޑަކަށް ދެ އަހަރު ވަންދެން ސިއްރުން އުޅުމަށް ފަހު ފުރަތަމަ ފަހަރަށް މި ގުޅުން އާންމުކުރުމާ އެކު، ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި މަރުހަބާ ކިޔަމުންނެވެ. ފްލޮރެންސް ޕިއު ވަނީ މީގެ ކުރިން ވެސް އޭނާގެ ޒާތީ ދިރިއުޅުމުގައި އަމާންކަމާއި ރައްކާތެރިކަން ބޭނުންވާކަން ހާމަކޮށްފަ އެވެ.
