ގިނަ ބަޔަކު ހަންގަނޑު ރީތިކުރަން އެކި ކަހަލަ ކްރީމްތައް އުނގުޅި ނަމަވެސް، ސިއްހީ ތަޖުރިބާކާރުން ބުނާ ގޮތުގައި މޫނުގައި ބިހި ނެގުމާއި ހަންގަނޑު ހަލާކުވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ސްޓްރެސްވުމާއި ނިދި މަދުވުމެވެ. ނިދި މަދުވުމާއި މާބޮޑަށް ސްޓްރެސްވުމުގެ ސަބަބުން ހަށިގަނޑުގައި "ކޯޓިސޯލް" ހޯމޯން ގިނަވެ، މޫނު ތެޔޮވުމާއި ބިހި ނެގުން ފަދަ މައްސަލަތައް ކުރިމަތިކުރުވަ އެވެ.
ރީތި ހަންގަނޑެއް ބޭނުންނަމަ ކޮންމެ ރެއަކު ވެސް 7 ގަޑިއިރާއި 9 ގަޑިއިރާ ދެމެދުގެ ވަގުތަކަށް ނިދުމަކީ ވަރަށް މުހިންމު ކަމެކެވެ. ސަބަބަކީ، ފުންކޮށް ނިދާފައި އޮންނަ ވަގުތަކީ ހަންގަނޑަށް ލޭ ދައުރުވުން އިތުރުކޮށްދީ، ކޮލަޖެން އުފެއްދުން އިތުރުކޮށްދޭ ވަގުތަކަށް ވުމެވެ. މީގެ އިތުރުން ނިދާ ވަގުތަކީ ހަލާކުވެފައިވާ ސެލްތައް މަރާމާތުކޮށް، ހަންގަނޑު ތާޒާކޮށްދޭ ވަގުތެވެ. އެހެންކަމުން ނިދި މަދުވުމުން މި ކަންކަމަށް ހުރަސްއެޅި، ހަންގަނޑު މުސްކުޅިވުން އަވަސްކޮށްދެ އެވެ.
ދާއިމީކޮށް ސްޓްރެސްގައި އުޅުމަކީ ހަންގަނޑުގެ ދިފާއީ ނިޒާމު ބަލިކަށިކޮށްލައި، ހަންގަނޑު ކުރަކިކޮށްލާ ކަމެކެވެ. މީގެ ސަބަބުން ގޮހޮރުގެ ސިއްހަތަށް ވެސް ނޭދެވޭ އަސަރުކޮށް، އެތެރެހަށީގައި އުފެދޭ މައްސަލަތަކުގެ އަސަރު މޫނުމަތިން ފެންނަން ފަށަ އެވެ. އެހެންކަމުން، ގަދަ ކެމިކަލްތައް ހުންނަ ކްރީމްތައް ބޭނުންކުރުމުގެ ބަދަލުގައި، ސްޓްރެސް ކުޑަކުރުމަށާއި ބަރާބަރަށް ނިދުމަށް ސަމާލުކަން ދިނުމަކީ އެތެރެހަށިން ހަންގަނޑު އުޖާލާކޮށްދީ، ދާއިމީ ރީތިކަމެއް ގެނެސްދޭނެ ކަމެއް ކަމަށް ތަޖުރިބާކާރުން ލަފާދެ އެވެ.
