ސައުދީ އަރަބިއްޔާގެ ރިޔާދުގައި ހުންނަ ކިންގް އަބްދުލްއަޒީޒް ޕަބްލިކް ލައިބްރަރީން ގުރުއާނާ ގުޅޭ 1000 އަހަރުވީ ވަރަށް ހާއްސަ އަތުލިޔުމެއް އާންމުކޮށް ދައްކާލައިފި އެވެ.

"ގަރީބް އަލް-ގުރުއާން" ގެ ނަން ދީފައިވާ މި ފޮތަކީ އިސްލާމީ ކުރީގެ މަޝްހޫރު އިލްމުވެރިއެއް ކަމަށްވާ އަބޫ އުބައިދާ ލިޔުއްވާފައިވާ ފޮތެކެވެ. މިއީ ގުރުއާނުގައި ހިމެނޭ އުނދަގޫ އަދި އާންމުކޮށް ބޭނުންނުކުރާ ބަސްތައް ކިޔައިދީފައިވާ މުހިންމު ފޮތެކެވެ.

ހިޖުރީ ގޮތުން 4 ވަނަ ގަރުނަށް ނިސްބަތްވާ މި ލިޔުމުގައި ޖުމްލަ 23 ގަނޑު ހިމެނެ އެވެ. މި ފޮތް ލިޔެފައިވަނީ ވަރަށް ރީތި އަންދަލޫސީ އަކުރުންނެވެ. އަދި ފޮތުގައިވާ ސޫރަތްތަކުގެ ނަންތައް ލިޔެފައިވަނީ ކޫފީ އަކުރުންނެވެ. މިހާތަނަށް ވެސް އާންމުކޮށްފައި ނުވާ މި ފޮތަކީ ގުރުއާނުގެ އިލްމާއި އަރަބި ބަހުގެ ތާރީހު ދިރާސާކުރާ ފަރާތްތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

ލައިބްރަރީގެ އޮފީހުން ބުނީ މިއީ އިސްލާމީ ތާރީހާއި ސަގާފަތް ރައްކާތެރިކުރުމަށް ސައުދީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ދައްކާލި މުހިންމު އާސާރީ ތަރިކައެއް ކަމަށެވެ. މި ލިޔުން އާންމުކޮށް ދައްކާލުމާ އެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އިސްލާމީ އިލްމުވެރިންނާއި ތާރީހު ދިރާސާކުރާ މީހުންގެ ބޮޑު ސަމާލުކަމެއް މިކަމަށް ވަނީ ލިބިފަ އެވެ.