ހޯމަ ދުވަހު އ.ދ. ގެ ފަރާތުން ނެރުނު ރިޕޯޓެއްގައި ސްކޫލަށް ދިއުމުން މަހްރޫމްވެފައިވާ 2 މިލިއަން ކުދިން ޔަމަނުގައި ތިބި ކަމަށް ހާމަކޮށްފިއެވެ. 2014 ވަނަ އަހަރު ފެށުނު ދާޚިލީ ހަނގުރާމައިގައި މިހާތަނަށް ޔަމަނުގައި 250،000 އަށް ވުރެ ގިނަ އާންމު ރައްޔިތުން ވަނީ މަރުވެފައެވެ. އަދި މީގެ ތެރޭގައި ގިނައީ ހަނގުރާމައިގެ ސަބަބުން ކުރިމަތިވެފައިވާ ބަނޑުހައި ހޫނުކަމާއި އަދި ތަދުމަޑުކަމުގެ ސަބަބުންނާއި އެކަށީގެންވާ ބޭސްފަރުވާ ފަދަ އަސާސީ ޚިދުމަތްތައް ނުލިބި މަރުވާ މީހުންނެވެ.
އ.ދ. ގެ މި ރިޕޯޓް ބުނި ގޮތުގައި 11.3 މިލިއަން ކުޑަކުދިން ވަނީ އިންސާނީ އެހީތެރިކަމާއި ސަލާމަތަށް ބޭނުންވެފައެވެ. 2015 ވަނަ އަހަރު މާޗް އިން ފެށިގެން ޔަމަންގެ ސްކޫލްތަކަށް ވަނީ 231 ހަމަލާދީފައި ވާކަމަށް މި ރިޕޯޓްގައި ވަނީ ބުނެފައެވެ. އަދި 170،000 އަށް ވުރެ ގިނަ މުދައްރިސުންނަށް ފާއިތުވެ 4 އަހަރު އެއްވެސް ވަރަކަށް މުސާރަ ނުލިބޭ ކަމަށާއި ޔަމަނުގެ އާބާދީގެ 20 މިލިއަނަށްވުރެ ގިނަ މީހުން ވަނީ އާމްދަނީ ހޯދާނެ ގޮތެއްނެތި ހާލުގައި ޖެހިފައި ކަމަށްވެސް ރިޕޯޓްކޮށްފައި ވެއެވެ.
ޔަމަނުގައި ކުރިއަށްދާ ހަނގުރާމައިގައި ސަޢޫދީ އަރަބިއްޔާގެ ދަށުން ހިނގާ ކޯލިޝަން އާއި ޔަމަނުގެ ޙޫތީ ޖަމާޢަތުގެ ހަނގުރާމަވެރިންނާ ދެމެދު މި މަހުގެ 1 ވަނަ ދުވަހު ވެސް ވަނީ ހަމަލާތައް ބަދަލުކޮށްފައެވެ. މި ހަމަލާގައި ކުޑަ ކުއްޖަކާ އިތުރު 2 މީހަކު މަރުވެފައިވާ ކަމަށް ޔަމަނުގެ ދައުލަތުން ވަނީ ރިޕޯޓްކޮށްފައެވެ.
