ބީއެމްއެލް އިން ޓީޓީ ނުފޮނުވޭ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށާއި، އޭގެ ސަބަބުން މުޅި ރާއްޖޭގެ އިގުތިސާދަށް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށް އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ބުނެފި އެވެ.

ޝަރީފް މިހެން ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބީއެމްއެލްގެ އާ ބްރާންޗްތަކަކާއި ޑޮލަރު އޭޓީއެމްތަކެއް ރަސްމީކޮށް އިފްތިތާހުކުރުމަށް ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަދައްކަމުންނެވެ. އޭނާ ބުނި ގޮތުގައި ބޭންކަށް ގެއްލުން ދިނުމުގެ ބޭނުމުގައި ބަޔަކު ދަނީ ގަސްތުގައި ދޮގު މައުލޫމާތުތަކެއް ފަތުރަމުންނެވެ.

މިގޮތުން އެންމެ ބޮޑަށް ފަތުރަމުންދާ އެއް ވާހަކައަކީ ބޭންކަށް ޓީޓީ ނުފޮނުވޭ ވާހަކަ އާއި ނެޓް އޯޕަން ޕޮޒިޝަން (އެންއޯޕީ) ދަށްވެފައިވާ ކަމަށް ބުނާ ވާހަކަ ކަމަށް ޝަރީފް ފާހަކަކުރެއްވި އެވެ. ނަމަވެސް އެކަން ދޮގުކުރަމުން އޭނާ ވިދާޅުވީ، ބީއެމްއެލްގެ އެންއޯޕީ މިހާރު ހުރީ މީގެ ކުރިން ނެތްހާ ހަރުދަނާ އަދި އެންމެ ރަނގަޅު މިންގަނޑެއްގައި ކަމަށެވެ. އަދި ބޭންކުން ނުފޮނުވި އޮތް އެންމެ ޓީޓީއެއް ވެސް މިހާރު ނުހުންނާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

"ހުރިހާކަމެއް ޑިޖިޓަލް ވެފައިވާ ޒަމާނެއްގައި އަޅުގަނޑުމެން ކަސްޓަމަރުންނާ އޮންނަ ގާތްގުޅުން ދުރުވެގެން ދިއުމަކީ އަޅުގަނޑުމެން އެއްވެސް ވަރަކަށް ބޭނުންވާ ކަމެއް ނޫން. އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބްރާންޗްތައް ގާއިމްކޮށް ކަސްޓަމަރުންނަށް ވީހާވެސް ގާތުން ހިދުމަތް ދިނުމަށް ބޭންކުގެ ޓީމުތައް ރުކުރުވާލުން،" ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން މަރުކަޒީ ބޭންކުގައި (އެމްއެމްއޭ) ހުރި ރިޒާވް ވެސް ހުރީ ވަރަށް ރަނގަޅު މިންވަރެއްގައި ކަމަށް ޝަރީފް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ބޭންކުގެ އަގުވައްޓާލަން ދައްކާ މިފަދަ ވާހަކަތަކުގެ ނޭދެވޭ އަސަރު ހަމައެކަނި ކުރާނީ ބޭންކަކަށް ނޫނެވެ. އޭގެ ބަދަލުގައި އޭގެ އެންމެ ބޮޑު ގެއްލުމެއް އުފުލަންޖެހޭނީ އާންމު ރައްޔިތުންނާއި ރާއްޖޭގެ މުޅި އިގުތިސާދަށް ކަމަށް އޭނާ ވިދާޅުވިއެވެ.