ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ ގޮތުން ލުއިތަކެއް ހޯދައިދިނުމަށްޓަކައި، އެފަދަ ވިޔަފާރިތަކުން ބިދޭސީން ގެންނައިރު ދައްކަންޖެހޭ ކޯޓާ ފީ ސަރުކާރުން ކަނޑާލައިފި އެވެ. މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިގުތިސާދީ ގޮތުން އެޅި މުހިންމު ފިޔަވަޅެކެވެ.
ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓްރީން ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް ގެނައި ބަދަލާ އެކު، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން 20 ބިދޭސީންނަށް ވުރެ މަދުން މީހުން ގެންނަ ނަމަ ދެން އެ ފީ ދައްކާކަށް ނުޖެހޭނެ އެވެ. ކުރިން އޮންނަ ގޮތުން ނަމަ، ބިދޭސީން ގެންނަ ކޮންމެ ކޯޓާއަކަށް 12 މަސްދުވަހުގެ ތެރޭގައި 2،000 ރުފިޔާ ދައްކަން ޖެހެ އެވެ.
މި ބަދަލާ އެކު އާންމު ވިޔަފާރިތަކަށް ބޮޑު ލުޔެއް ލިބިގެންދިޔަ ނަމަވެސް، މިއީ ނަހަމަ ގޮތުގައި ބޭނުންކުރެވޭނެ ލުޔެއް ނޫނެވެ. އެގޮތުން، ކޯޓާ ފީ ކަނޑާލާފައިވާ ކުންފުންޏެއްގެ ހިއްސާދާރަކު ނުވަތަ މަސްއޫލުވެރިޔަކު ހިމެނޭ ގޮތަށް ހަދާފައިވާ އެހެން ކުދި ވިޔަފާރިއަކަށް މި ލުޔެއް ނުލިބޭނެ ކަމަށް ގަވާއިދުގައި ވަނީ ކަނޑައަޅައިފަ އެވެ.
މިއީ އެއް މަސްއޫލުވެރިއަކު އެކި ނަންނަމުގައި ގިނަ ކުންފުނިތައް ހަދައިގެން، ސަރުކާރުން ދިން މި ލުއި ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށް އެކުލަވާލި ހަރުދަނާ އުސޫލެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެ އެވެ.
މީގެ އިތުރުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިއަކުން ގެންގުޅޭ ބިދޭސީންގެ އަދަދު 20 އަށް ވުރެ އިތުރުވާ ނަމަ، 21 ވަނަ މީހާއިން ފެށިގެން އިތުރުވާ ކޮންމެ ކޯޓާއަކަށް ކުރިން ވެސް ކަނޑައެޅިފައި އޮންނަ ފީ ބަރާބަރަށް ދައްކަން ޖެހޭނެ އެވެ.
ވިޔަފާރިވެރިން ފާހަގަކުރާ ގޮތުގައި ސަރުކާރުގެ މި ނިންމުމަކީ ރާއްޖޭގެ ކުދި ވިޔަފާރިތައް ކުރިއެރުވުމަށް އެޅިގެންދިޔަ ވަރަށް މުހިންމު ފިޔަވަޅެކެވެ. އަދި މިއީ ވިޔަފާރިތައް ހިންގުމުގައި އުފުލަންޖެހޭ މާލީ ބުރަ ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމެކެވެ.
