މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ނިމިދިޔަ މާޗު މަހު ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 20.7 ޕަސަންޓު ދަށްވެއްޖެ ކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މި ދަށްވުމުގެ މައިގަނޑު ސަބަބަކީ އެމެރިކާއާއި އިސްރާއީލް ގުޅިގެން އީރާނަށް ދެމުންދާ ހަމަލާތަކާއި، އޭގެ ރައްދުގައި އީރާނުން ދެމުންދާ ހަމަލާތަކެވެ. މިކަމާ ގުޅިގެން މެދުއިރުމަތީގެ ބޮޑެތި އެއާލައިންތައް ކަމަށްވާ ގަތަރު އެއާވޭސް، އެމިރޭޓްސް، ފްލައި ދުބާއީ އަދި އިއްތިހާދު ފަދަ އެއާލައިންތަކުގެ ދަތުރުތަކަށް ބުރޫއަރައި، ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް ވަނީ އޭގެ ނޭދެވޭ އަސަރު ފޯރާފަ އެވެ. ނަމަވެސް މިހާރު އެ އެއާލައިންތަކުގެ ދަތުރުތައް ކޮންމެވެސް ވަރަކަށް އަލުން ވަނީ ފަށާފަ އެވެ.
ޓުއަރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ މާޗު މަހު 203،468 ޓޫރިސްޓުން ރާއްޖެއަށް އައިސްފައިވާއިރު، މި އަހަރުގެ މާޗު މަހު އައިސްފައިވަނީ 161،259 ޓޫރިސްޓުންނެވެ. އެހެންނަމަވެސް، މި އަހަރުގެ ފުރަތަމަ ދެ މަހު ވަނީ ރެކޯޑު އަދަދަކަށް ޓޫރިސްޓުން އައިސްފަ އެވެ. އެގޮތުން އެ ދެ މަހު ވެސް ދެ ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ.
މާޗު މަހު ޓޫރިސްޓުން އައި އަދަދު ދަށްވި ނަމަވެސް، އަހަރުގެ ފުރަތަމަ ދެ މަހުގެ ރަނގަޅު ނަތީޖާއާ އެކު، މި އަހަރުގެ މިހާތަނަށް އައި ޓޫރިސްޓުންގެ ޖުމްލަ އަދަދު ވަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 1.1 ޕަސަންޓު އިތުރުވެފަ އެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް 643،218 ޓޫރިސްޓުން އައިސްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި އައިސްފައިވަނީ 636،321 ޓޫރިސްޓުންނެވެ.
