މާލޭ އުސްފަސްގަނޑު ސަރަހައްދުގައި ތަރައްގީކުރި ސްކޭޓް ޕާކް އެރީނާ، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފި އެވެ.
މި ޕާކް ހުޅުވުމަށްޓަކައި އުސްފަސްގަނޑުގައި މިއަދު ބޭއްވި ރަސްމިއްޔާތަށް ރައީސް ޑރ. މުއިއްޒުގެ ދެކަނބަލުން ވަޑައިގަތުމުން މަރުހަބާ ދެންނެވީ ސްޕޯޓްސް މިނިސްޓްރީ ހިންގަވާ މިނިސްޓަރު އަބްދުﷲ ރާފިއު އެވެ.
މި ރަސްމިއްޔާތުގައި، ތަފާތު ތިން އުމުރު ފުރައެއްގެ ކުދިން ވަނީ އެ ކުދިންގެ ސްކޭޓްކުރުމުގެ ހުނަރުތައް ރައީސްގެ ދެކަނބަލުންނަށް ދައްކާލާފަ އެވެ. އެއަށްފަހު ރައީސްގެ ދެކަނބަލުން ވަނީ އެ ކުދިންނާ އެކު ގްރޫޕް ފޮޓޯއެއް ނަންގަވައި، އަލަށް ހުޅުވި ސްކޭޓް ޕާކްގެ ކަންކަން ހުރިގޮތް ބައްލަވާލައްވާފަ އެވެ.
ދާއިމީ ސްކޭޓިން އެރީނާއެއް މާލޭގައި ގާއިމުވެގެން ދިއުމަކީ ކުޅިވަރުގެ ރޮނގުންނާއި އިޖުތިމާއީ ގޮތުން ވެސް ޒުވާނުންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމެކެވެ. މިއީ ޒުވާނުންގެ ކުރިއެރުމަށާއި މުޅި މުޖުތަމައުގެ ދުޅަހެޔޮކަން އިތުރުކުރުމަށް އެޅިގެންދިޔަ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ސަރުކާރުން ދެކެ އެވެ.
