ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ބޮޑު މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްލަވާލައްވައިފި އެވެ.

ރައީސް މިއަދު ވަނީ އިއްޒުއްދީނު ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް، އެ މަޝްރޫއުގެ ފޭސް 1 ގެ ސެގްމަންޓް 2 އިން 5 އަށް މަސައްކަތް ކުރިއަށްގޮސްފައިވާ މިންވަރު ސައިޓަށް ވަޑައިގެން ވަޒަންކުރައްވާފަ އެވެ. އެ ސަރަހައްދަށް އެމަނިކުފާނު ވަޑައިގަތުމުން މަރުހަބާ ދެންނެވީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.

ބޮޑުތަކުރުފާނު މަގު ހަތަރު ލޭނަށް ފުޅާކޮށް، ތާރު އަޅައިގެން ހެދުމަށް ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން، ޖުމްހޫރީ މައިދާން ކައިރިން މާރުކޭޓާއި ރަސްމީ ފާލަމާ ދެމެދު ތަރައްގީކޮށް ވަނީ ޑިސެމްބަރު 2025 ގައި ހުޅުވާފަ އެވެ. އޭގެ ފަހުން ރަސްމީ ފާލަމުން ފެށިގެން މަސްމާރުކޭޓާ ހަމައަށް މަގު ފުޅާކޮށް، މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ވަނީ ހުޅުވާފަ އެވެ.

އޭޕްރިލް 9، 2025 ގައި އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއު އެއްކޮށް ނިމުމުން، ބޮޑުތަކުރުފާނު މަގު ވެގެންދާނީ ފެން ހިންދާ ނިޒާމާ އެކު ތަރައްގީކުރެވިފައިވާ، ޓްރެފިކަށް ލުއިފަސޭހަ އަދި ހިނގާބިނގާވެ އުޅޭ މީހުންނަށާއި ދުއްވާ ތަކެއްޗަށް ހިތްފަސޭހަ ޒަމާނީ މަގަކަށެވެ.