ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް، އުމުރާނީ ތަރައްގީގެ މަސައްކަތްތަކަށް ބޭނުންވާ 230 ބަރު މެޝިނަރީ އާއި އުޅަނދު އެއްފަހަރާ ރާއްޖެ ގެނެސްފިއެވެ. މިއީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ކުރިއަށްގެންދާ މަގު ހެދުމުގެ ބިޔަ މަޝްރޫއުތަކަށާއި އެހެނިހެން އުމުރާނީ މަސައްކަތްތަކަށް ބޭނުންކުރުމަށް ގެނައި ތަކެއްޗެވެ.

މި ބޮޑު ކާމިޔާބީ ހާސިލުކޮށްފައިވަނީ އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް ސޮލިއުޝަންސް (އައިޑީއެސް) އާއި އާރުޑީސީއާ ދެމެދު ވެވުނު ފަހުމުނާމާއެއްގެ ދަށުންނެވެ. މި ތަކެތި ގެނެސްފައިވަނީ މިފަދަ ތަކެތި އުފެއްދުމުގައި ޗައިނާގެ އެންމެ ކުރީގައި އުޅޭ އެއް ކުންފުނި ކަމަށްވާ އެކްސީއެމްޖީ މެދުވެރިކޮށެވެ. މީގެ ތެރޭގައި މަގު ހެދުމަށް ބޭނުންވާ އެންމެ ޒަމާނީ އާސްފަލްޓް މެޝިނަރީތައް ވެސް ހިމެނެއެވެ.

އައިޑީއެސް އާއި ޗައިނާގެ އެކްސީއެމްޖީއާ ދެމެދު ގާއިމުކުރި ސްޓްރެޓެޖިކް ބިޒްނަސް އެއްބަސްވުމުގެ ދަށުން، މި މެޝިނަރީތައް މަރާމާތުކުރާނެ ހާއްސަ މަރުކަޒަކާއި ސްޕެއާ ޕާޓްސް ވިއްކާ ސެންޓަރެއް ރާއްޖޭގައި ގާއިމުކުރުމަށް ވަނީ ނިންމާފައެވެ. މިއީ އާރުޑީސީން ހިންގާ މަޝްރޫއުތަކަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ހޯދުމަށް ކުރެވުނު ވަރަށް މުހިންމު މުއާމަލާތެކެވެ.

މިފަދަ މަރުކަޒެއް ރާއްޖޭގައި ހުޅުވުމުން ލިބޭނެ އެންމެ ބޮޑު ފައިދާއަކީ، މެޝިނަރީއަކަށް މައްސަލައެއް ދިމާވި ނަމަވެސް ބޭރުން އެތަކެތި ގެނައުމަށް އިންތިޒާރުކުރަން ނުޖެހުމެވެ. މީގެ ސަބަބުން މައްސަލަތަކަށް އަވަސް ހައްލެއް ލިބި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެއެވެ.