ދިވެހި ސަރުކާރުން 2021 ވަނަ އަހަރު އިންޓަނޭޝަނަލް ބާޒާރަށް ދޫކޮށްފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކުގެ ތެރެއިން ބައެއް ދައްކައި ހަލާސްކޮށްފިއެވެ. އެގޮތުން، ސުކޫކަށް ދައްކަންޖެހޭ ފައިސާ އާއި ފައިދާގެ ގޮތުގައި ހިމެނޭ ފައިސާއާ އެކު ޖުމްލަ 524.68 މިލިއަން ޑޮލަރު ސަރުކާރުން ވަނީ ދައްކާފައެވެ. މިއާ އެކު ދައުލަތުގެ ދަރަނި ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.
މި ސުކޫކަކީ އޭގެ ކުރީ ސަރުކާރުން ނަގާފައިވާ 250 މިލިއަން ޑޮލަރުގެ ސަނީ ސައިޑް ބޮންޑު އަދާކުރުމަށްޓަކައި 2021 ވަނަ އަހަރު ވިއްކާފައިވާ ސުކޫކެކެވެ. މައުލޫމާތު ލިބޭ ގޮތުގައި އޭރު އެ ސުކޫކު ވިއްކާފައިވަނީ، ދުނިޔެ އާއި ރާއްޖޭގެ އިގުތިސާދު ވަރަށް ބޮޑަށް ހީނަރުވެފައި އޮތް ދަނޑިވަޅެއްގައި، ފައިސާ އަނބުރާ ދެއްކުމުގެ ހަރުދަނާ ސިޔާސަތެއް ނެތިއެވެ.
ނަމަވެސް މި ސަރުކާރު ވެރިކަމާ ހަވާލުވުމަށް ފަހު، މާލިއްޔަތަށް ބާރުބޮޑު ނުވާނެހެން ދަރަނި އަދާކުރުމަށް މުހިންމު ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ދައުލަތުގެ ދަރަނި ދެއްކުމަށް އުފައްދާފައިވާ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް ބޭރު ފައިސާ ޖަމާކުރަން ފަށައި، އެ ފަންޑުގައި ހުރި ބޭރު ފައިސާގެ އަދަދު ފުރަތަމަ ފަހަރަށް ވަނީ 350 މިލިއަން ޑޮލަރަށް ވުރެ އިތުރުވެފައެވެ. އަދި ރާއްޖޭގެ ރަސްމީ ރިޒާވް ވެސް މާޗު މަސް ނިމުނު އިރު ވަނީ ރެކޯޑު މިންވަރަކަށް އިތުރުވެފައެވެ.
މީގެ އިތުރުން، މި މަހުގެ ނިޔަލަށް ދައްކަންޖެހޭ 100 މިލިއަން ޑޮލަރުގެ ބޮންޑެއް ރޯލްއޯވާ ކުރުމަށް ނުވަތަ ފަސްކުރުމަށް އަބޫދާބީ ފަންޑާ އެކު ކުރެވުނު މަސައްކަތްތައް ވެސް މިހާރު ވަނީ ކާމިޔާބުކަމާ އެކު ނިންމާލާފައެވެ. މިއީ އިގުތިސާދީ ހަރަކާތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށް ލިބުނު ވަރަށް ބޮޑު ލުޔެކެވެ.
ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ދުނިޔޭގެ އިގުތިސާދަށް އަންނަ ބަދަލުތަކާ އެކު، ރާއްޖޭގެ މާލީ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ދެމެހެއްޓެނިވި ގޮތެއްގައި ދައުލަތުގެ މާލިއްޔާ މެނޭޖުކޮށް ކުރިއަށް ގެންދިއުމެވެ.
