2019 ވަނަ އަހަރު ދުނިޔެއަށް ކުރިމަތިވި ކޮވިޑް 19 ގެ ބަލިމަޑުކަމާ ވިދިގެން ވިލާތުގެ ގައުމުތަކާއި އެމެރިކާ އަދި މުޅި ދުނިޔޭގެ އިޤްތިޞާދަށް ބޮޑު ލޮޅުމެއް އަރައިގެން ދިޔައެވެ. ނަމަވެސް 2008 ވަނަ އަހަރު ދުނިޔެ ވެއްޓުނު އިޤްތިޞާދީ އަނދަވަޅުން ފިލާވަޅު ލިބިގަނެ ގިނަ ގައުމުތަކުން ވަނީ މުހިންމު އަދި އަވަސް ފިޔަވަޅުތަކެއް އަޅާފައެވެ. ދުނޔޭގައި ހަކަތައިގެ ގޮތުގައި އަދިވެސް ބޭނުން ކުރަމުން އަންނަ ތެލުގެ އަގަށް އަންނަ ބަދަލުތަކަކީ މި އިގްތިޞާދު ސަލާމަތް ކުރުމަށް މުހިއްމު ދައުރެއް އަދާކުރާ ކަމެކެވެ. އެގޮތުން ތެލުގެ ބާޒާރުގައި އެންމެ ބާރުގަދަ 2 ޤައުމު ކަމަށްވާ ސަޢުދީ ޢަރަބިއްޔާ އަދި ޔޫއޭއީ (އެކުވެރި އަރަބި އިމާރާތް)ގެ ގައުމުތައް ގުޅިގެން އުފައްދާފައިވާ ބައިނަލްއަޤްވާމީ ޖަމާޢަތެއް ކަމަށްވާ އޮޕެކް (އޯގަނައިޒޭޝަން ފޮރ ޕެޓްރޯލިއަމް އެކްސްޕޯރޓިންގެ ކަންޓްރީސް – ތެލުގެ ވިޔަފާރި ކުރާ ގައުމުތަކުގެ ޖަމިއްޔާ) އިން ވެސް ވަނީ ތެލުގެ އަގު ދަށްވެގެން ދިޔަ ނުދިނުމަށް ދުވާލެއްގެ މައްޗަށް ތެޔޮ ބޭރު ކުރާ މިންވަރު ދަށް ކޮށްފައެވެ.
ތެލުގެ އަގު ދަށްވުން – އިޤްތިޞާދަށް އަސަރު ކުރާ ގޮތް
ދުނިޔޭގެ ތެލުގެ ބާޒާރުގައި ސާފު ނުކުރާ ފީފާއެއްގެ އަގު މިއަދު ހުރީ އެވްރެޖެކޮށް 75 ޑޮލަރުގައެވެ. ކޮވިޑް-19 އާއި ގުޅިގެން ތަކެތީގެ އަގު މައްޗަށް ދިއުމާއެކު ބާޒާރުގައި ތެލަށް އޮތް ޑިމާންޑް ވަނީ ދަށްވެފައެވެ. އެކި ކުންފުނިތަކުން މާކެޓް އަށް ނެރޭ ބާވަތްތައް އުފެއްދުމަށް ހަކަތައިގެ ގޮތުގައި ބޭނުންކުރާ ތެޔޮ ގަތުން ވަނީ މަޑު ޖައްސާލާފައެވެ. ކަން މިހެން ވުމާއެކު، ބިމުގެ އަޑިން ތެޔޮ ނަގާ ކުންފުނިތަކުން ހުއްޓުމެއްނެތި ނަގަމުންދާ ތެޔޮ ރައްކާކުރާ ޓޭންކްތައް ފުރި، ތެލުގެ ޑިމާންޑްއަށް ވުރެ ސަޕްލައި ގިނަވެ، ތެލުގެ އަގު ދަށަށް ދެއެވެ. އެއާއެކު، ތެޔޮ ހަކަތައިގެ ގޮތުގައި ބޭނުންކޮށްގެން އުފައްދާ އެކި ކަހަލަ މުދާތަކުގެ އަގަށް ބަދަލު އައިސް އިޤްތިޞާދުގެ ދުވެލި މަޑު ޖެހެއެވެ.
ތެޔޮ ނެގުން މެދުކަނޑާލުން
ތެޔޮ ނެގުން ކުއްލިއަކަށް މެދުކަނޑާލުމަކީ ފަސޭހަކަމެއް ނޫނެވެ. ބިމުގެ އެތައްހާސް މީޓަރު އަޑިން ޕަމްޕުކޮށްގެން ނަގާ ތެޔޮ ކުއްލިއަކަށް ހުއްޓާލައިފިނަމަ ތެޔޮ ނަގާ ކުންފުނިތަކަށް ޤާނޫނީ ގޮތުންނާއި މާލިގޮތުން ބޮޑެތި ގެއްލުންތަކެއްވެއެވެ. އަދި ދެވަނަ ފަހަރަށް ޕަމްޕްކޮށްގެން ތެޔޮ ނެގުމަކީ ފުރަތަމަ ފަހަރު ތެޔޮ ނެގުމަށްވުރެ މާ އުނދަގޫ ކަމެކެވެ. ކަންމިހެން އޮތުމުން، ތެޔޮ ނަގާ ގިނަ ކުންފުނިތަކުން ތެޔޮ ނެގުން މެދުކަނޑާލުމަށްވުރެ ބޮޑަށް ގެއްލުމުގައި ތެލުގެ ވިޔަފާރިކުރުން މާރަނގަޅު ކަމަށްވެސް ދެކެއެވެ.
އަރަބި ގައުމުތަކުގެ ދެބަސްވުން
ކޮވިޑް-19 އާއި ގުޅިގެން ސަޢުދީ އަރަބިއްޔާ އަދި ޔޫއޭއީ އިން ނިންމީ ދުވާލަކު އެވްރެޖްކޮށް ތެޔޮ ބޭރުކުރާ ވަރު މަދުކުރުމަށެވެ. އެގޮތުން 2022 ވަނ އަހަރުގެ އޭޕްރީލްމަހާއި ހަމައަށް ދެ ގައުމުންވެސް ތެޔޮ ބޭރުކުރާ މިންވަރު މަޑުޖައްސާލުމަށް މަޝްވަރާތައްވަނީ ކުރިއަށް ގެންގޮސްފައެވެ. ނަމަވެސް މިހާތަނަށް ދެގައުމަށް އެއްބަސްވެވިފައިވަނީ މިއަހަރުގެ ނިޔަލަށް ތެޔޮ ބޭރުކުރާ މިންވަރު މަޑުޖައްސާލާ ތެލުގެ އަގު އެއްވަރެއްގައި ހިފެހެއްޓުމަށެވެ. މިދިޔަ ހޯމަދުވަހަކީ އޮޕެކްގެ ގައުމުތަކުގެ ބައްދަލުވުމެއް ބޭއްވުމަށް ތާރީޚް ކަނޑައެޅިފައިވާ ދުވަހެވެ. ނަމަވެސް މި ބައްދަލުވުން ނުބޭއްވި މަޝްވަރާތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ.
ކަންމިހެން ދިމާވުމުގައި ބައިވަރު ސަބަބުތަކެއް އެބަހުއްޓެވެ. 2015 ވަނަ އަހަރު ޔަމަނުގައި ކުރަމުންދިޔަ ހަނގުރާމައިގައި އީރާންއިން ވާގިވެރިވާ ޙޫތީ ޖަމާޢަތާ ދެކޮޅަށް ސަޢުދީ ޢަރަބިއްޔާ އިސްވެއޮވެ ހެދި ކޯލިޝަންގައި ޔޫއޭއީވެސް ހިމެނެއެވެ. އެހެންނަމަވެސް ދާދި ފަހުން ޔޫއޭއީން ވަނީ މި ކޯލިޝަންއިން ވަކިވެ، ޔަމަނުގައި ހަރަކާތްތެރިވާ އެގައުމުގެ ސިފައިން ބޭރުކޮށްފައެވެ. 2020 ވަނަ އަހަރު ޔޫއޭއީ އިން ވަނީ ފަލަސްޠީނުގައި ޓެރޮރިސްޓް ހަމަލާތައް ދެމުން ގެންދާ އިޒްރޭލްއާއި އެކު ސިޔާސީ ގުޅުން ގާއިމުކޮށްފައެވެ. ނަމަވެސް ސަޢޫދީ އަރަބިއްޔާއިން މިހާތަނަށް އިޒްރޭލްއާއެކު ރަސްމީ އެއްވެސް ސިފައެއްގައި ގުޅުން ބާއްވާނެކަމުގެ އިޝާރާތެއް އަދި ނުދެއެވެ. މީގެ އިތުރުންވެސް ދެ ގައުމުގެ ދެމެދު ފަތުރުވެރިކަމާއި ވިޔަފާރީގެ ގޮތުން ބޮޑު ވާދަވެރިކަމެއް ވަނީ ފެށިފައެވެ. ކަންމިހެން އޮތްއިރު ތެލުގެ ބާޒާރަށް އަންނަ ބަދަލުތަކުން ދެ ގައުމުގެ އިޤްތިޞާދަށް ބޮޑެތި އަސަރުތަކެއް ކުރާނެއެވެ.
މި ވަގުތު ދުނިޔޭގައި ދުވާލަކު 5.2 މިލިއަން ފީފާގެ ތެޔޮ ބޭރުކުރެއެވެ. ތެލުގެ އަގު އެއްވަރެއްގައި ނުހިފެހެއްޓޭނަމަ އިޤްތިޞާދަށް ފޫނުބެދޭ ވަރުގެ ގެއްލުންތަކެއް ދިމާވާނެކަމަށް ކަމާބެހޭ މާހިރުން ވަނީ ލަފާކޮށްފައެވެ. އަދި މިކަމުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާނީ ދިވެހިރާއްޖެ ފަދަ ކުދި ޤައުމުތަކަށްކަން ފާހަގަކޮށްލަން ޖެހެއެވެ.
