އެމެރިކާގެ ޑިފެންސް މިނިސްޓަރު ޕީޓް ހެގްސެތު، އެ ގައުމުގެ އާމީ ޗީފް އޮފް ސްޓާފް ޖެނެރަލް ރޭންޑީ ޖޯޖް މަގާމުން ވަކިކުރައްވައިފި އެވެ. މިއީ އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމައިގެ ތެރޭގައި، ޕެންޓަގަންގެ އިސް ސަފަށް ގެނައި ވަރަށް ބޮޑު ބަދަލެކެވެ.

ޕެންޓަގަންގެ ތަރުޖަމާނު ސީން ޕާނެލް ބުރާސްފަތި ދުވަހު ބުނީ، 2023 ވަނަ އަހަރުން ފެށިގެން އެ މަގާމުގައި ހުންނެވި ޖެނެރަލް ޖޯޖް ވަގުތުން ރިޓަޔާ ކުރައްވާނެ ކަމަށެވެ. މިނިސްޓަރު ހެގްސެތު މި ނިންމުން އޭނާއަށް އެންގީ ފޯނުން ގުޅުއްވައިގެންނެވެ. ނަމަވެސް އޭނާ މަގާމުން ވަކިކުރި ސީދާ ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ.

ޖެނެރަލް ޖޯޖްގެ އިތުރުން އާމީގެ ތަމްރީނުތަކާ ބެހޭ އިސް ޖެނެރަލް ޑޭވިޑް ހޮޑްނޭ އާއި ޗީފް އޮފް ޗެޕްލައިންސް މޭޖާ ޖެނެރަލް ވިލިއަމް ގްރީން ވެސް ވަނީ މަގާމުން ވަކިކޮށްފަ އެވެ. މިއީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭ ބޭފުޅުން އިސް މަގާމުތަކަށް އައްޔަން ކުރުމަށް މިނިސްޓަރު ހެގްސެތު ފެއްޓެވި މަސައްކަތުގެ ބައެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މި ބަދަލުތަކާ ގުޅިގެން އަސްކަރިއްޔާގެ ބައެއް އިސް އޮފިޝަލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ބޭފުޅުން ވިދާޅުވި ގޮތުގައި ހަނގުރާމައެއްގެ ތެރޭގައި މިފަދަ ކުއްލި ބަދަލުތައް ގެނައުމަކީ އަސްކަރިއްޔާގެ ތަރުތީބު ގެއްލި، ތައްޔާރީ ހާލަތަށް އަސަރު ކުރާނެ ކަމެކެވެ. މީގެ ކުރިން ވެސް ހެގްސެތު ވަނީ އަސްކަރިއްޔާގެ 12 އަށް ވުރެ ގިނަ އިސް ވެރިން މަގާމުން ވަކިކުރައްވާފަ އެވެ.

މި ބަދަލުތަކުގެ ސަބަބުން ކުރިއަށް ހުރި އަސްކަރީ އޮޕަރޭޝަންތަކަށް ވާނެ ގޮތެއް ޕެންޓަގަން އިން އަދި ހާމައެއް ނުކުރެ އެވެ. ބައެއް ފަރާތްތަކުން މިކަމަށް ފާޑުކިޔަމުންދާއިރު، ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ބުނަނީ މިއީ އަސްކަރިއްޔާ އިސްލާހުކޮށް، ހަނގުރާމައިގެ މުހިންމު ކަންކަމަށް ސަމާލުކަން ދިނުމަށް ކުރާ ކަމެއް ކަމަށެވެ.