ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެތަނަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް، ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށްދާނެ ކަމުގެ ޔަގީންކަން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ދެއްވައިފިއެވެ.

ރޭ ދަންވަރު ބާރަގަޑި ބައި ހާއިރު މި ހާދިސާ ހިނގަން މެދުވެރިވީ އެ ސްކޫލުގެ ޕްރައިމަރީ ސްޓާފްރޫމުގައި ހުރި އޭސީއެއްގައި ރޯވެގެންނެވެ. އެ އަލިފާންގަނޑު ފެތުރި، ޖެހިގެން ހުރި ޕްރިންޓު ރޫމާއި ކްލާސްރޫމެއް ވަނީ އެއްކޮށް އަނދައިފައެވެ. މި އަލިފާންގަނޑު ކޮންޓްރޯލްކޮށް ނިއްވާލެވުނީ ރޭ ދެގަޑި ބައި ހާއިރުއެވެ. އެ ސްކޫލަކީ ހަތްސަތޭކަ ފަންސާސް ވަރަކަށް ކުދިން ތައުލީމު ހާސިލުކުރަމުން އަންނަ ތަނެކެވެ.

މި ހާދިސާއާ ގުޅިގެން މިނިސްޓަރު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސްކޫލުގެ އިމާރާތަކަށް މިފަދަ ބޮޑު ގެއްލުމެއް ލިބުމަކީ ވަރަށް ބޮޑު ދެރައެއް ކަމަށެވެ. އެހެންނަމަވެސް، މި ހަފުތާގައި އަލުން ކިޔެވުން ފެށުމުގެ ކުރިން، ސްކޫލް ހިންގުމަށާއި ޓީޗަރުންނަށް ބޭނުންވާ މުހިންމު ތަކެތި ހަމަޖައްސަވައިދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ ތެރޭގައި ޕްރިންޓިން ރޫމަށް ބޭނުންވާ މެޝިނަރީ އާއި، ޓީޗަރުން ބޭނުންކުރާނެ ކޮމްޕިއުޓަރު އަދި ފަރުނީޗަރު ވެސް ސްކޫލަށް ފޯރުކޮށްދޭނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އަދި ސްކޫލުގެ އިންތިޒާމުތައް ހަމަޖައްސައި، އެއްވެސް ކުއްޖެއްގެ ކިޔެވުމަށް ބުރޫނާރާނެ ގޮތަށް ކަންކަން ރާއްވަވާނެ ކަމުގެ ޔަގީންކަން ވެސް ވަނީ ދެއްވާފައެވެ.