އުކުޅުވަޅު ހުޅުގެ ކަށި ހަލާކުވާ ބަލި، ނުވަތަ އޮސްޓިއޯނެކްރޯސިސް އަށް ފަރުވާ ދިނުމަށް ބޭނުންކުރާ އެންމެ ޒަމާނީ އޮޕަރޭޝަން އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުގައި ފަށައިފިއެވެ. ކޯ ޑިކޮމްޕްރެޝަންގެ ނަމުން ނަންދީފައިވާ މި ފަރުވާ އަކީ ރާއްޖޭގެ ސިއްހީ ނިޒާމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

މި އާ ފަރުވާ ކުރިއަށް ގެންދަނީ ހާއްސަ އާލާތްތަކެއް ބޭނުންކޮށްގެންނެވެ. އެގޮތުން، ހަލާކުވެފައިވާ ކަށިތައް ސާފުކުރުމަށް ފަހު، ބޯން ގްރާފްޓް އަދި ޕީއާރުޕީ މެދުވެރިކޮށް އާ ކަށި އުފެދުމަށް މި އޮޕަރޭޝަންގައި ބާރުއަޅައެވެ. މިއީ ހަށިގަނޑުން ވަރަށް ކުޑަ ތަންކޮޅެއް ކަފައިގެން ކުރާ އޮޕަރޭޝަނަކަށް ވުމުން، ބަލިމީހާ އުފުލަންޖެހޭ ތަކުލީފުތައް ވަރަށް ބޮޑަށް ކުޑަވެގެންދެއެވެ.

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން ބުނި ގޮތުގައި، މި އޮޕަރޭޝަނުގެ ސަބަބުން ބަލިމީހާ އަށް ބޮޑެތި ލުއިތަކެއް ލިބެއެވެ. އޭގެ ތެރޭގައި ފަރުވާއަށް ފަހު އަވަހަށް ފަސޭހަވުމާއި، އާންމު ދިރިއުޅުމަށް އަވަހަށް އެނބުރި ދިއުމުގެ ފުރުސަތު ފަހިވެގެން ދިއުން ހިމެނެއެވެ. މިއީ ކުރިން މިފަދަ ބަލިތަކަށް ފަރުވާ ހޯދުމުގައި އުފުލަންޖެހުނު ބުރަ ކުޑަކޮށްދޭނެ ކަމެކެވެ.

ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކޮށް، ފެންވަރު ރަނގަޅު ޒަމާނީ ފަރުވާތައް ރާއްޖެއިން ލިބޭނެ މަގު ތަނަވަސްކޮށްދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވާ ހާއްސަ އިސްކަމާއި އެހީތެރިކަން ފާހަގަކޮށް، ހޮސްޕިޓަލުން ވަނީ އެމަނިކުފާނަށް ޝުކުރު އަދާކޮށްފައެވެ. އަދި މި ހިދުމަތް ތައާރަފުކުރުމުގައި އައިޖީއެމްއެޗް އާއި ދަރުމަވަންތަ ހޮސްޕިޓަލުގެ ކަށީގެ ބަލިތަކާ ބެހޭ ޑިޕާޓްމަންޓުގެ ޑޮކްޓަރުންނާއި ނަރުހުން އަދި ފަންނީ މުވައްޒަފުން ކުރެއްވި ބުރަ މަސައްކަތަށް މެނޭޖްމަންޓުން ވަނީ ތައުރީފުކޮށްފައެވެ.