ރާއްޖޭގެ ދެކުނުގެ ސިއްހީ ދާއިރާއަށް ބޮޑު އިންގިލާބެއް ގެނެސްދީ، ހިތުގެ ބޮޑެތި ފަރުވާތައް އައްޑޫ ސިޓީގައި ރަސްމީކޮށް ފަށައިފިއެވެ. މިއީ މާލެއިން ބޭރުގައި މިފަދަ ހާއްސަ ފަރުވާތަކެއް ފެށި ފުރަތަމަ ފަހަރެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލާއި ނެޝަނަލް ކާޑިއެކް ސެންޓަރު ގުޅިގެން ފެށި މި ހިދުމަތްތަކުގެ ތެރޭގައި، ހާޓް އެޓޭކް ޖެހޭ މީހުންނަށް ދޭ އަވަސް ފަރުވާ ނުވަތަ ޕްރައިމަރީ ޕީސީއައިގެ ހިދުމަތް ހިމެނެއެވެ. މީގެ އިތުރުން ހިތުގެ މައްސަލަތަކަށް ބޭނުންވާ އައިސީޑީ އާއި ޕޭސްމޭކަރު ހަރުކުރުމުގެ ހިދުމަތް ވެސް ވަނީ އަލަށް ތައާރަފުކޮށްފައެވެ. މި މަސައްކަތުގެ ތެރެއިން އެގާރަ އެންޖިއޯގްރާމާއި ހަ އެންޖިއޯޕްލާސްޓީ ހަދައި، ކާމިޔާބުކަމާ އެކު ވަނީ ފަރުވާ ދީފައެވެ.

މި ހިދުމަތްތައް އައްޑޫގައި ފެށުމުން، ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެއެވެ. ކުރިން ނަމަ މިފަދަ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމަށް ދާންޖެހެނީ މާލެއަށް ނުވަތަ ރާއްޖެއިން ބޭރަށެވެ. ނަމަވެސް މިހާރު އައްޑޫގައި ތިބެގެން، ފުރާނަ ސަލާމަތްކުރުމަށް ބޭނުންވާ އަވަސް ފަރުވާ ހޯދޭނެ މަގު މިވަނީ ތަނަވަސްވެފައެވެ.

މިއީ ސިއްހީ ހިދުމަތް ލާމަރުކަޒީކޮށް، ރައްޔިތުންނާ ގާތުން ފެންވަރު ރަނގަޅު ފަރުވާ ފޯރުކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ފެށިގެންދިޔަ މުހިންމު ހިދުމަތެކެވެ. ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކުރެއްވުމަށް ރައީސް ދެއްވާ އަހަންމިއްޔަތުކަން ފާހަގަކޮށް، އައްޑޫ ހޮސްޕިޓަލުން ވަނީ އެމަނިކުފާނަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.

ހަމައެއާއެކު، މި ބޮޑެތި ފަރުވާތައް ކާމިޔާބުކަމާ އެކު އައްޑޫގައި ފެށުމުގައި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ މުވައްޒަފުންނާއި ނެޝަނަލް ކާޑިއެކް ސެންޓަރުގެ ޓީމުން ކުރެއްވި ބުރަ އަދި ނަމޫނާ މަސައްކަތްތައް ފާހަގަކޮށް، އެ ފަރާތްތަކަށް ވެސް ހޮސްޕިޓަލުގެ މެނޭޖްމަންޓުން ވަނީ ތައުރީފުކޮށްފައެވެ.